ޒަޔަނިސްޓް ޔަހޫދީ ދައުލަތަށް "ނަރަކައިގެ ދޮރުތައް" ހުޅުވާލާ ކުޅި ސަމާ ދައްކާލާނަން: އިރާން

އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ބަދަލުގައި، އެ ގައުމަށް "ނަރަކަ" ދައްކާލާނެ ކަމަށް އީރާނުގެ އާ ކޮމާންޑަރ އިން ޗީފް މޭޖަރ ޖެނެރަލް މުހައްމަދު ޕަކްޕޫރު ވިދާޅުވެއްޖެއެވެ.
މިއީ އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ކުރީގެ ކޮމާންޑަރ އިން ޗީފް އާއި އެހެނިހެން އިސް އޮފިޝަލުން ޝަހީދުވުމާ ގުޅިގެން، އަސްކަރިއްޔާގެ އެންމެ އިސް މަގާމަށް އައްޔަންކުރެވުމަށްފަހު ދެއްވި ފުރަތަމަ މެސެޖެވެ.
އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ސައިޓްތަކަށް ވަރުގަދަ ގެއްލުންތަކެއް ލިބިފައިވާއިރު، އީރާނުގެ ރައީސް މަސޫދު ޕެޒެސްކިޔާން ވިދާޅުވެފައިވަނީ އީރާނުން ރައްދު ނުދީ މަޑުން ނުތިބޭނެ ކަމަށާއި، ރައްދު ވަރަށް ވަރުގަދަވާނެ ކަމަށެވެ. އަދި މި ހަމަލާތަކުގެ ނަތީޖާ އިސްރާއީލަށް އެހާރުން އިހުސާސްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ދަތުރުފަތުރު މެދުކަނޑާލާފައިވާއިރު، އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ ތެރޭގައި ތަބްރީޒް ސަރަހައްދަށް ދިން ހަމަލާގައި 18 މީހަކު ޝަހީދުވެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ މި އޮޕަރޭޝަން ބޭނުންވާ މުއްދަތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ އެމެރިކާ މި ހަމަލާތަކުގައި ބައިވެރިވެފައި ނުވާ ކަމަށާއި، އީރާނުން ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާ ނުދިނުމަށް އިންޒާރު ދޭ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ރައްޔިތުންގެ ރުޅިވެރިކަން އިތުރުވަމުންދާއިރު، އެތައް ހާސް ބަޔަކު ތެހެރާންގެ މަގުތަކަށް ނުކުމެ، އިސްރާއީލަށް ރައްދު ހަމަލާ އަވަސްކުރުމަށް ގޮވާލަމުންދެއެވެ. ރައީސް ޕެޒެސްކިޔާން ވަނީ މި ދަތި ދަނޑިވަޅުގައި އީރާނުގެ ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ގޮވާލައްވާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ