ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ ޝިއާރަކަށް ދެމެހެއްޓެނިވި ތަރައްގީއަށް ބަހުގެ މުހިންމުކަން

މި އަހަރުގެ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ ޝިއާރު ޔުނެސްކޯއިން ކަނޑައަޅައިފިއެވެ. އެގޮތުން މި އަހަރުގެ ބައިނަލްއަގުވާމީ މާދަރީބަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދެމެހެއްޓެނިވި ތަރައްގީއަށް ޓަކައި ބަސް މުހިންމު އެއްޗަކަށް ހަދާށޭ" އެވެ. ދިވެހިބަހުގެ އެކެޑަމީން ބުނީ، މި އަހަރަކީ ބައިނަލްއަގުވާމީ މާދަރީބަހުގެ ރިހި ޔޫބިލް ފާހަގަކުރާ އަހަރު ކަމަށާއި މި އަހަރުގެ ޝިއާރުން ރަމްޒުކޮށްދެނީ ބަހަކީ އުނގެނުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ކޮންމެހެން ބޭނުން އެއްޗެއް ކަމަށެވެ. އޭގެއިތުރަށް، މުޖުތަމައުގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރުވާ އެއްޗެއް ކަމަށާއި ދުނިޔޭގެ މުއްސަނދި ސަގާފީ ސިންދަފާތުތަކާއި އެ ތަކެތީގެ މެދުގައިވާ ގުޅުންތަކުގެ މައްޗަށް ދުނިޔެ ހޭލުންތެރިވަމުންދާ ކަން ހިމެނޭ ކަމަށް އެކެޑަމީން ބުނެފައިވެއެވެ. މިއަހަރުގެ މާދަރީ ބަހަށް ކަނޑައަޅާފައިވާ ޝިއާރު --- ޔުނެސްކޯއާ ހަވާލާދީ ދިވެހިބަހުގެ އެކަޑަމީން ވަނީ، މީހުން ބަސްމޮށެއުޅޭ 8،324 ބަސް އޮންނަ ކަމަށާއި އޭގެތެރެއިން 7،000 ބަސް އަދިވެސް ބޭނުންކުރަމުންދާ ކަމަށް ބުނެފައެވެ. އެ މީހެއްގެ އަމިއްލަ މާދަރީ ބަހުން އުނގެނުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެކަޑަމީން ވަނީ ބުނެފައެވެ. "އެއީ އުނގެނުމާއި އުނގެނުމުގެ ލަނޑުދަނޑިތަކާއި އިޖްތިމާއީ، ޖަޒުބާތީ ތަރައްގީ ކުރިއެރުމަށް ޓަކައެވެ. ގިނަ ބައްސަ ތައުލީމަކީ އެ ބަހަކުން ވާހަކަދައްކާ އާބާދީ މަދު ބަސްބަހުގެ އަހުލުވެރިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ލިބިގަތުމާއި އުނގެނުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރިކަމެކެވެ،" އެކަޑަމީން ބުނެފައިވެއެވެ. މި އަހަރުގެ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހަކީ އަންނަ ހަފުތާގެ ހުކުރު ދުވަހެވެ. ކޮންމެ އަހަރަކު ވެސް އެ ދުވަސް ފާހަގަކުރަން އެކި ހަރަކާތްތައް ބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ