ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދި މައްސަލަ: ހަފުތާއެއްވީއިރު މީހަކު ހައްޔަރުނުކުރޭ

މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީގައި ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި އަށް ގެއެއް ބަލައިފާސްކޮށް، ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައިރު އެކަމާ ގުޅިގެން މިއަދާ ހަމައަށް ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ކޯޓު އަމުރުގެ ދަށުން ކުޅުއްދުފުށީގެ 10 ގެއެއް ބަލައިފާސްކުރިއިރު އޭގެ ތެރެއިން އަށް ގެޔަކުން ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތް ފެނުނު ކަމަށް ފުލުުހުން ކުރިން ބުންޏެވެ. އަދި ސިހުރު ހެދުމަށް ބޭނުންކުރާ އެކި ކަހަލަ އާލާތްތައް ފެނިގެން، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެއާއެކު ހަފުތާއެއް ވާން ކައިރިވެފައިވާއިރު، އެ މައްސަަލައިގައި މީހަކު ހައްޔަރުކުރިތޯ މިއަދު "ސަން" އިން ސުވާލުކުރުމުން ފުލުހުން ބުނީ އަދިވެސް މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. ސިހުރު ހެދުމުގެ އެކި މައްސަލަަތައް މި ފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން ރ. އަތޮޅު ކައުންސިލު އިމާރާތަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެ މީހަކު މި ހަފުތާގައި ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ