ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމާއި، ތަރައްޤީއަށް ބޭނުންވާކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްގެންދެވޭނެ މަގު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އިންޓަރނެޓްގެ ޚިދުމަތް ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ ގޮތްތަކެއް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ ޒުވާނުން ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިން ވަނީ ރަށުގައި ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެރަށުގައި އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
މާއެނބޫދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ރައިސް މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ