ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން، ރާއްޖޭގެ 110127 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިއްޖެ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވި ސިޓީސް މިނިސްޓްރީގެ މުވައްޒަފުން ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމަށް ރޭ އެ މިނިސްޓްރީގެ މާލޭ ޕަބްލިކް ވާރކްސް ޔުނިޓްގައި ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާއެއްގެ ގޮތުގައި މި އަހަރު ސަރުކާރުން ދެއްވާ މަސްދަޅު ކޭސް އިއްޔެއާ ހަމައަށް، މާލޭގެ 49416 ގޭބިސީއަކަށާއި އަދި އަތޮޅުތެރޭގެ 60711 ގޭބިސީއަކަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް މުޅި ޖުމުލަ 110127 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން މާލޭ ސިޓީގެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ވަނީ ސިޓީސް މިނިސްޓްރީން ކަމަށް ވިއަސް، މި އިވެންޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި، ސިފައިންނާއި އަދި ފުލުހުންގެ ޚާއްޞަ އެހީތެރިކަމާ އެކުގައެވެ. އަތޮޅުތެރޭގައި ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.
ރޭ ބޭއްވި ޙަފުލާގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ މި އަހަރުގެ ރޯދަ ހަދިޔާ ބެހުމުގައި ޙަރަކަތްތެރިވި އެންމެހައި ފަރާތްތަކަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޝުކުރުއަދާކުރައްވައިފައެވެ. ސަރުކާރުން މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ، މަސްދަޅު ކޭސް ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާރު ވަނީ ބަހައި ނިންމައިފައެވެ.
ހަބަރު: ސަރުކާރު
110127 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިއްޖެ: ވަޒީރު އާދަމް ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ