ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި އަޑުއެހުމުގައި އަޒްމިރަލްދާއަށް ގާނޫނުގައި ބުނާ ހުރިހާ ހައްގެއް ދީފައިވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ އިއްޔެ އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ވަކީލަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވެ އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝާމިލް ބަޔާނެއް ވެސް ނެރުނެވެ. ޖޭއެސްސީން މިއަދު ބަޔާނެއް ނެރެ، އަޒްމިރަލްދާގެ ވަކީލުގެ ބަޔާނަށް ރައްދު ދީފަ އެވެ.
ތަފްސީލް - ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަޒްމިރަލްދާއަށް ގާނޫނުގައި ބުނާ އަޑުއެހުމުގައި ކޮމިޝަނުގެ މެންބަރުން ކުރާ ސުވާލުތަކާ ޖަވާބުދާރީވާން ޖެހޭނީ ފަނޑިޔާރު ކަމަށް އެންގީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ކަމަށެވެ.
ބަޔާނުގައި ގާނޫނުގެ މާއްދާތަކަށް ހަވާލާދީފައި ވެސްވެ އެވެ. އެގޮތުން:
ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ނ)ގައި އޮންނަނީ ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބު ދޭން ވާނެ ކަމަށް
އެ މާއްދާގެ (ބ)ގައި އޮންނަނީ ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމުގައި މައްސަލަ ރައްދުވާ ފަރާތުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލާ މަޝްވަރާ ކުރެވިދާނެ ކަމަށް
ޖޭއެސްސީން ބުނީ އެ ކޮމިޝަނުގެ ގާނޫނުގައި ފަނޑިޔާރަކު އައްޔަންކުރާ ވަކީލެއްގެ ދައުރު ސާފުކޮށް އެނގެން އޮންނަ އިރު ވަކީލާ ވަކިން މަޝްވަރާ ކުރުމުގެ ފުރުސަތު އަޒްމިރަލްދާ އާއި އޭނާގެ ވަކީލަށް ވެސް ދީފައިވާނެ ކަމަށެވެ.
ގުޅުން ހުރި - މި މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ވެސް ތުހުމަތު ކުރެ އެވެ. މަހާޒު ވަނީ މިދިޔަ އާދީއްތަ ދުވަހު ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. މަހާޒު އެ ތުހުމަތަށް އިންކާރު ކުރައްވާފައިވާއިރު އެ އަޑުއެހުމުގައި ވެސް ސުވާލުތަކަށް ޖަވާބުދެއްވީ މަހާޒެވެ.
އަޒްމިރަލްދާ ވެސް ވަނީ ތުހުމަތަށް އިންކާރު ކުރައްވައިފަ އެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ބަލަމުންނެވެ. އެ ކޮމިޝަނަށް ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ވެސް ވަނީ ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އަދި މަހާޒާއި އަޒްމިރަލްދާ އޭސީސީއަށް ހާޒިރުކޮށްފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ - މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރު ބަހުން މުއާމަލާތްކުރެއްވި ކަމަށް ބުނާ ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަޒްމިރަލްދާގެ ވަކީލަށް ފުރުސަތު ދިނީ ގާނޫނުގައި އޮންނަ ގޮތަށް: ޖޭއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ