ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލާގައި ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލާ ކަން އެނގިއްޖެ އެވެ.
ކަމުގެ ފެށުން - މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސާޖު ޕާލާއެއްގައި ހުންނެވި ކަމަށް ބުނެ ލަތީފް ހައްޔަރުކުރިކަން ފެންމަތިވީ މިދިޔަ ހަފުތާ ތެރޭގަ އެވެ. އެއީ އަޒްމިރަލްދާ ވެސް އިންނަވައިގެން ސުޕްރީމް ކޯޓުގެ ފުލް ބެންޗުން، ގާނޫނުއަސާސީ އިސްލާހުކުރި ގޮތުގެ ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލަން ފަށާފައި ވަނިކޮށެވެ.
އެ މައްސަލާގައި ހެކި ހުރި ވަރުން ދައުވާކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ ނިންމުމަށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަޝްވަރާތައް ފަށައި ދެ މަހެއްހާ ދުވަސް ވަންދެން، އެ އޮފީހުގެ ލަފާގެ މަތީން ޕާކްކޮށްފައި ބޭއްވި އެވެ. މައްސަލަ ފައިލްކުރަން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ.
ތަފްސީލް - ލަތީފުގެ ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އޭނާގެ އަނބިމީހާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ވެސް ސުލޫކީ މައްސަލައެއް ބަލަމުންދާކަން ވަނީ އެނގިފަ އެވެ.
އަޒްމިރަލްދާގެ މައްސަލަ ބަލަމުންދާކަން 'ދައުރު'އިން ރިޕޯޓްކުރި ފަހުން އެ ތުހުމަތުގައި މަހާޒަށް ވެސް ސުލޫކީ މައްސަލަ ބަލަމުންދާ ކަމުގެ ނޯޓިސްގެ ކޮޕީއެއް މި ނޫހަށް ލިބުނެވެ.
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑްކުރި އެވެ. އެއީ މަހާޒާއި އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަން ޖޭއެސްސީއަށް އެންގި ކަމަށް ބުނެ އެވެ.
ސުއޫދުގެ ވެސް ވަކި ސުލޫކީ މައްސަލަ އެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 25 އޮކްޓޫބަރު 2022ގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދައްކާފަައިވާ ކަމަށް ބުނާ މައްސަލަ އެވެ.
ފާހަގަކޮށްލެވޭ - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމީ، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށެވެ.
ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އަޑުއެހުމަށް ވަރަށް ކުޑަތަން ވެފައި ވަނިކޮށެވެ. އެއާ އެކު، އެ މައްސަލަ ވަނީ ހުއްޓިފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވާއިރު ސަސްޕެންޝަންގައި ނެތީ ހަތަރު ފަނޑިޔާރެކެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލެނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ކުރިއަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފަ އެވެ.
އަޒްމިރަލްދާގެ ފިރިމީހާ ލަތީފް ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ބުނެ އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ