މާލެ ފިހާރައެއްގައި ބިރު ދައްކައި، ފައިސާއާއި ސިނގިރޭޓު ފޭރިއްޖެ

މާލޭގެ ފިހާރައަކަށް ބަޔަކު ވަދެ، ފައިސާއާއި ސިނގިރޭޓު ވަގަށް ނަގައިފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އިއްޔެ ހެނދުނު 9:25 ހާއިރު މާފަންނުގައި ހުރި ފިހާރަކަށް ދެ މީހަކު ވަދެ އެ ތަނުގައި ސޭޓަކަށް އިން ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރުދައްކާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ސޭޓަށް ބިރުދެއްކި މީހުން ފޭރުނު ތަކެތީގެ ތެރޭގައި ފައިސާއާއި ސިނގިރޭޓުގެ އިތުރަށް އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި މިއަދު ވަނީ މާފަންނުގައި ހުރި ފިހާރައަކަށް ދެ މީހަކު ވަދެ، ބިރުދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވެފައެވެ. އެ ވީޑިއޯގައި އެ މީހުން ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާ މަންޒަރު ވެސް ފެނެއެވެ. އަދި އެ މީހުން ސޭޓަށް ބިރު ދެއްކީ ކަޓަރަކުން ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ފިހާރަތަކަށް ވަދެ، ބިރު ދައްކައިގެން ފޭރޭ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެފަދަ ހާދިސާތަކުގައި ބޮޑެތި އަދަދުތަކުން ފައިސާއާއި ތަކެތި ވެސް ފޭރިފައި ހުރި ނަމަވެސް، އެތަކެތި އަނބުރާ ހޯދެނީ މަދު ފަހަރެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ