ކޮންމެ ނަމާދަކަށް އެންމެ ފުރިހަމައަށް ތައްޔާރުވާންޖެހޭ ސަބަބާ ޢަމަލުކުރަންޖެހޭ ބައެއް ކަންކަން-

ނަމާދާއިމެދު ބައެއް މީހުންނަށް ވިސްނެނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އެއީ އެންމެ މުހިންމު އަދި އެންމެ ޚާއްޞަ ކަންތަކެވެ. އެހެނީ ނަމާދަށް ހުއްޓި ހުންނަނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައެވެ. ނަމާދުގެ ކޮންމެ ރަކްޢަތެއްގައިވެސް އަލްޙަމްދު ކިޔަވަމުއެވެ. ކިޔވާއިރު ﷲ ތަޢާލާ ކޮންމެ މީހަކާއިވެސް މުޢާމަލާތު ކުރައްވަވަތެވެ. ވީއިރު ނަމާދުކުރުމަކީ ކޮންމެ މީހަކަށްވެސް އެންމެ ޚާއްޞަ ކަންތައް ކަމުގައި ނުވާނީ ކިހިނަކުން ހެއްޔެވެ؟
ނަމާދަށް ތައްޔާރުވެ މުސައްލަ މައްޗަށް ދިއުމަކީ ނުވަތަ މިސްކިތަށް ދިއުމަކީ ﷲ ތަޢާލާގެ ޙޟްރަތާއި ބައްދަލުވާން ދާ ދިއުމެކެވެ. އެއީ ކޮންމެ މުސްލިމަކަށްވެސް ދެވޭ އެންމެ މުހިންމު ބައްދަލުވުމެވެ. 
މިޘާލަކަށް ބުނާނަމަ އަހަރެން ލާ ފޭރާން ދައުވެފައިވާނަމަ އެއިގައި ފުރަތަމަ ހުވަނދުލާނީ ހެއްޔެވެ؟ ނުވަތަ ދޮވެ ޠޯހިރުކުރާނީހެއްޔެވެ؟ ހަމަޔަޤީނުންވެސް ދޮވެ ޠޯހިރުކުރާނީއެވެ. ހިނައިގަންނަން ޖެހޭ ޙާލަތުގައި ހުރިނަމަ ފުރަތަމަ ހިނައިގަންނަން ޖެހެނީ އެހެންވެގެންނެވެ. 
މިކަމަށްވެސް ވިސްނާށެވެ! ނަމާދަށް މިދަނީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި އެމީހަކަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެންނެވެ. ވީމާ އެއީ ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމެވެ. އެހައި ބޮޑު ކަމަކަށް އެދިގެންދާއިރު ސާފުތާހިރުވެ ރީތިވެ ނަލަހެދި ހުވަނދުލައިގެން ދާންވީ ވީހައި ރިވެތި ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރުމަށްޓަކައެވެ.
ވުޟޫކުރުމުގައި ފެން އިސްރާފްކުރުމެއް ނެތެވެ. ނަމަވެސް ދޮންނަން ޖެހޭ ގުނަވަންތަކުން ފެން އޮހޮރިގެންދާނެ ގޮތަށާއި ހުރިހާ ތަނެއްގައި ފެން ޖައްސަން ސަމާލުކަންދޭންވީ ސަބަބަކީ ކުރިންވެސް ބުނި ފަދައިން ވުޟޫކުރާއިރު އޮހޮރިގެންދާ ކޮންމެ ފެންތިއްކަކާއިއެކު ކުދިފާފަތައް ފުހެވިގެންދާތީއެވެ. ނިޔަފަތިތަކުގެދަށުންވެސް ފާފަތައް ލުހިގެން ނުކުންނަމުންދާތީއެވެ. 
ވީމާ ތިމާއަށް ކުރެވިފައިވާ ބޮޑެތި ފާފަތައް ވެސް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނައިރު ވީހައިގިނަ ކުދި ފާފަތައް ފުހެވިގެންގޮސްފައިވުމަކީ ކިހައި މުހިންމުކަމެއްކަން އެނގޭ ނޫންހެއްޔެވެ؟ ވީހައި ފުރިހަމައަށް ވުޟޫކުރަންޖެހޭ ސަބަބަކީ އެއީއެވެ. ހަމައެއާއިއެކު ނަމާދު ޞައްޙަވުން އޮތީ ވުޟޫފުރިހަމަކުރެވިގެން ކަމަށްވާތީއެވެ. 
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ.   
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިއަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠޯހިރުވެގަންނާށެވެ! އަދި ތިއަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިއަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ ޠޯހިރުވެލީން ތިޔަބައިމީހުން ތައްޔައްމަމް ކުރާށެވެ! ފަހެ، ތިއަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިއަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ޠޯހިރު ކުރެއްވުމަށާއި، ތިއަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިއަބައިމީހުން ޝުކުރު ކުޅައުމަށްޓަކައެވެ." (އަލް މާއިދާ: 6)
 
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ