ޝްރައްދާ ސޮއިކުރި އަގު ބޮޑު ފިލްމުން ވަކިވެއްޖެ
ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރު މިހާތަނަށް އެންމެ ބޮޑު އަގުގައި ކުޅެން އެއްބަސްވި ފިލްމު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ދާދިފަހުން މީޑިއާތަކުން ނެރުނު ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޝްރައްދާ ސޮއިކޮށްފައި ވަނީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ރާހީ އަނިލް ބަރްވޭ ޑައިރެކްޓްކުރާ ތުރިލާ ފިލްމަކަށެވެ. ރިޕޯޓުތައް ބުނާގޮތުން "އިސްތިރީ"ގެ ބަތަލާ މި ފިލްމަށް ސޮއިކޮށްފައި ވަނީ، 17 ކްރޯޑު ރުޕީސް (2.01 މިލިއަން ޑޮލަރަ)ށެވެ. މި ފިލްމަށް ސޮއިކުރިއިރު ފިލްމަށް ފައިދާގެ ގޮތުގައި ލިބޭ އާމްދަނީގެ ހިއްސާ ވެސް ޝްރައްދާއަށް ދިނުމަށް ބަތަލާ ވަނީ ޝަރުތުކޮށްފައި ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގްމޫންގައި ބުނެފައިވާ ގޮތުގައި ފިލްމަށް ބަތަލާ ހުށަހެޅި އަގާ މެދު ޕްރޮޑިއުސަރުންނާ އެކު ޚިޔާލު ތަފާތުވުންތަކެއް އުފެދި ޝްރައްދާ ވަނީ މި ފިލްމު ދޫކޮށްލާފައެވެ. ބަތަލާ ޝްރައްދާ ކަޕޫރު އަދި ފިލްމު ޕްރޮޑިއުސަރު އެކްތާ ކަޕޫރު--ފޮޓޯ/މިޑްޑޭ ރިޕޯޓުތައް ބުނާގޮތުން ޝްރައްދާ ފިލްމަށް ހުށަހެޅި އަގުގެ އަދަދު ބޮޑުކަމާ އެކު އެއީ އަންހެން ލީޑް ތަރިއަކަށް އެކަށީގެންވާ އަގެއްކަމަށް ނުދެކޭ ކަމަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވަނީ ބުނެފައެވެ. ހަމައެއާއެކު ޝްރައްދާ ފިލްމަށް އެއްބަސްވި އަގުގެ ސަބަބުން ފިލްމަށް ކަނޑައެޅުނު ބަޖެޓަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ދެކޭ ކަމަށް އެކްތާ ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމަށް ޝްރައްދާ އެއްބަސްވި އަގާ އެކު ފިލްމަށް ލިބޭ ފައިދާއިން ބައި އެޅުމަށް ޝްރައްދާ އެދުމުން ވެސް އެކްތާ ވަނީ އެކަމާ ދެކޮޅު ހަދާފައި ކަމަށް ޕީޕިންގްމޫންގައި ވަނީ ބުނެފައެވެ. ޝްރައްދާ ވަނީ މީގެކުރިން ވެސް އެކްތާގެ ދެ ފިލްމު ކަމަށްވާ "އޭކް ވިލެން" އަދި "ހާފް ގާލްފްރެންޑް"ގައި ވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ދެ ފިލްމަކީ ވެސް ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ދެ ފިލްމެވެ. މި ދެ ފިލްމު ކުޅުނުއިރު ޝްރައްދާ އަކީ އިންޑަސްޓްރީގައި އެހާ ޑިމާންޑު އޮތް ބަތަލާއެއް ނޫނެވެ. ނަމަވެސް މެޑްޑޮކް ފިލްމްސްގެ ކާމިޔާބު ފްރެންޗައިސް "އިސްތިރީ"ގެ ކާމިޔާބީއާ އެކު ޝްރައްދާ ވެފައި ވަނީ ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޑު އޮތް އެއް ބަތަލާއަށެވެ. މި ފްރެންޗައިސްގެ ތިން ވަނަ ބައި ޝްރައްދާ ހިމަނައިގެން އަންނަ އަހަރު ރިލީޒްކުރާނެ ކަން މެޑްޑޮކް ފިލްމްސްއިން ވަނީ އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ