ފުރަތަމަ ލެގުގައި އެތުލެޓިކޯ މިނެއިރޯ އަތުން ރިވާ ޕްލޭޓް ބަލިވެއްޖެ

ކޮޕާ ލިބަޓަޑޯރެސްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯއިން 3-0 ގެ ނަތީޖާއަކުން އާޖެންޓީނާގެ ރިވާ ޕްލޭޓް ބަލިކޮށްފިއެވެ.
ބެލޯ ހޮރިޒޮންޓޭގައި ހުންނަ އެރީނާ އެމްއާރްވީގައި ކުޅުނު މި މެޗުގައި އެތުލެޓިކޯ މިނެއިރޯ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖެހީ ފަހު ހާފުގައެވެ. އެ ޓީމުން ލީޑްނެގީ 22 ވަނަ މިނެޓުގައި ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް، ހަލްކް ދިން ބޯޅައަކުން ޑޭވާސަން ކާމިޔާބުކުރި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން އެތުލެޓިކޯ މިނެއިރޯ ކުރީގަ އޮވެގެންނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އެތުލެޓިކޯ މިނެއިރޯގެ ދެވަނަ ލަނޑުޖެހީ ވެސް ޑޭވާސަން އެވެ. އޭނާ މި ލަނޑުޖެހީ ގިލާމޭ އަރާނާ ދިން ބޯޅައަކުންނެވެ. އަދި، އޭގެ ހަތަރު މިނެޓުފަހުން، ޑޭވާސަން ދިން ބޯޅައަކުން އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ޕައުލީނޯ އެވެ.
މި މުބާރާތުގެ ދެވަނަ ސެމީގައި ބްރެޒިލްގެ ބޮޓަފޯގޯ ނިކުންނާނީ އުރުގުއޭގެ ޕެނަރޯލްއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ކޮޕާ ލިބަޓަޑޯރެސްގެ އެންމެ ފަހުން ކުޅެވުނު ފަސް މުބާރާތުގެ ޗެމްޕިއަންކަން ވެސް ބްރެޒިލްގެ ކްލަބުތަކުން ހޯދާފައިވާއިރު، އެތުލެޓިކޯ މިނެއިރޯ އިން ވަނީ 2013 ވަނަ އަހަރުގެ ކޮޕާ ލިބަޓަޑޯރެސްގެ ތަށި އުފުލާލައިފައެވެ.
މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު އޮތީ ބިއުނޯސް އައިރެސްގައި ހުންނަ މޮނިއުމެންޓަލް ސްޓޭޑިއަމްގައި އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ