"ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ސަމިޓަކީ ޤައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓްގެ މަޤްޞަދަކީ ބައިނަލްއަޤްވާމީގޮތުން ވެވފައިހުރި އެއްބަސްވުންތަކަށް ޢަމަލުކުރުން އަވަސްކުރުމާއި، އަދި "ޕެކްޓް ފޮރ ދަ ފިއުޗަރ" މެދުވެރިކޮށް، އަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން "ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓަކާއި ޑެކްލަރޭޝަން އޮން ފިއުޗާ ޖެނެރޭޝަންސް" ހިމެނޭހެން 21 ވަނަ ގަރުނުގެ ހަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް އެކުލަވާލުމަށް މި ސަމިޓްގައި މަސައްކަތްކުރާނެއެވެ.
މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރެއްވުމުގެ އިތުރުން ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ޤައުމުތަކުގެ ވެރިންގެ ޚިޔާލާއި މަޝްވަރާގެ ބަހުސްތައް ހިނގާ، "ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ: ސްޓްރެންތެނިންގ އިންކްލޫސިވް އިނޮވޭޝަން އެންޑް ކޯޕަރޭޝަން ޓު ބްރިޖް ދަ ޑިޖިޓަލް ޑިވައިޑް" ސެޝަން ކޯ ޗެއާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ