އިލާންގެ ލަނޑާއެކު ބަންގްލަދޭޝް އަތުން ރާއްޖެއަށް މުހިންމު ޕޮއިންޓެއް

ބޫޓާނުގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ކުޅުނު މެޗުގައި ކެޕްޓަން މުޙައްމަދު އިލާން އިމްރާން ކާމިޔާބުކުރި ލަނޑާއެކު، ރާއްޖެއިން ބަންގްލަދޭޝްއާ އެއްވަރުކޮށްފިއެވެ.
ގްރޫޕް އޭގައި މިއަދު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ޗަންގްލިމިތަންގް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބަންގްލަދޭޝްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ މުރްސެދު އަލީ އެވެ. އެކަމަކު މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް، އިލާން ވަނީ ލަނޑެއް ޖަހައި، މި މެޗުން ރާއްޖެއަށް ޕޮއިންޓެއް ހޯދައިދީފައެވެ.
މި މުބާރާތުގެ ގްރޫޕް އޭގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ހިމެނެނީ އިންޑިއާއެވެ. އިންޑިއާއިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 0-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ގްރޫޕުގެ ފަހު މެޗުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާއިރު، އެ މެޗު ކުޅޭނީ އަންގާރަ ދުވަހެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެހެންކަމުން އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލައިގެންވެސް ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ