އެމްއާރުއެމް އުވާލުން މަޑުޖެއްސުމަށް ކޯޓުން ކުރި ވަގުތީ އަމުރު މުރާޖަޢާ ކުރަން ހުށަހަޅަނީ

އެމް.އާރް.އެމް އުވާލުން މަޑުޖައްސާލުމަށް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން މީޑީއާތަަށް މައުލޫމާތުދެއްވަމުން އެމް.އާރް.އެމް އިން ބުނީ އުވާލަން ނިންމާ މިމަހުގެ 24ވަނަ ދުވަހު އީސީ އިން ނެރުނު ޢަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން ރޭ ވަނީ އަމުރުކޮށްފައިކަމަށެވެ.
އެ ޕާޓީން ކުރަމުންގެންދާ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާކަމަށް އެމްއާރުއެމްއިން ބުނެއެވެ. ނަމަވެސް، މި މައްސަލައިގައި ޢަދުލު އިންސާފު ޤާއިމު ކުރެވޭނެކަމަށް އެ ޕާޓީއިން އަބަދުވެސް ޔަޤީން ކުރާކަމަށް އެމްއާރުއެމްއިން ބުނިއެވެ.
އެހެންކަމުން، އެމް.އާރް،އެމްގެ މަސައްކަތްތަށް ކުރި އެކޭ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ހުރިހާ ގޮފިތަކާއި، ކޮމިޓީތަކާއި އަދި އެންމެހާ ޕާޓީގެ މެންބަރުންނަށް އެމްއާރުއެމްއިން ވަނީ ދަންނަވާފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މެންބަރުން، އެމްއާރުއެމްއާއެކު ސާބިތުކަމާއެކީ ދެމިތިބުމަށް އެމްއާރުއެމްއިން ވަނީ އެދިފައެވެ.
އެމްއާރުއެމް އުވާލަން ނިންމީ މެންބަރުން ހަމަކުރަން ދެެ ފަހަރަށް ދިން ނޯޓިސްގެ މުއްދަތުގައި ވެސް 3،000 މެންބަރުން ހަމަނުކުރެވުމުންކަމަށް އީސީއިން ބުނިއެވެ. 3،000 މެންބަރުން ހަމަނުވާކަމަށް ބުނެ އީސީއިން އެމްއާރުއެމް އުވާލުމަށް ނިންމި މައްސަލައިގައި އެ ޕާޓީ އިން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައިވަނީ ކޯޓަށް ހުށަހަޅަން ގަސްތުކުރާ މައްސަލައިގައި އެދޭ ފަރުވާ ހާސިލް ނުވެދާނެތީއެވެ. އެ ހާލަތުގައި ޕާޓީ ވުޖޫދުގައި ނެތުމުގެ ފުރުސަތު އޮތުމުން، އެއީ އެމްއާރުއެމްގެ މެންބަރުންނަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމެއްކަން އެމްއާރުއެމްއިން ކޯޓަށް ހުށައެޅި މައްސަލައިގައި ފާހަގަކޮށްފައިއެވެ.
މިކަމާއި ގުޅިގެން ސިވިލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އެމްއާރުއެމް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ. އަދި އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އީސީގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ