ދުނިޔޭގެ ކޯޓުން ކުރި އަމުރަކީ ފަލަސްޠީނަށާއި މުސްލިމް އުއްމަތަށް ލިބުނު ނަސްރެއް: ފައްޔާޒް

އިޒްރާއީލުގެ ލާއިންސާނީ އުދުވާނު ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ކުރި އަމުރަކީ ފަލަސްޠީނަށާއި މުސްލިމް އުއްމަތަށް ލިބުނު ނަސްރެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އައިސީޖޭއިން ކުރި އަމުރާއި ގުޅިގެން ފައްޔާޒް ”އެކްސް“ ގައި ޕޯސްޓެއް ހިއްސާކުރައްވާ ވިދާޅުވީ އެ އަމުރު ތަންފީޒުކުރުމަށް ރާއްޖެއިން ބާރު އެޅުމަށް ގޮވާލާކަމަށެވެ. ގައްޒާގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން އަމުރު ކޮށްފައިވަނީ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
ގައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ދެކުނު އެފްރިކާއިން ވަނީ ދުނިޔޭގެ ކޯޓަށް ކުއްލި ދެ މައްސަލައެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އިސްރާއީލުން ރަފާހަށް އަރައި ހިންގަމުން އަންނަ ގަތުލުއާންމުގެ މައްސަލަ ވެސް ހިމެނެއެވެ.
އިސްރާއީލުން ގައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން، ރަފާހަށް ވަދެ ހަމަލާތައް ދޭން ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މިމައްސަލައާއި ގުޅިގެން މިއަދު ދުނިޔޭގެ ކޯޓުން ވަނީ ގޮތެއް ނިންމާފައެވެ. އެގޮތުން އެ ކޯޓުގެ އިސް ފަނޑިޔާރު، ނަވާފް ސަލާމް ވިދާޅުވީ، އެންމެ ފަހުން މިދިޔަ މާޗް މަހު އެކޯޓުން ނެރުނު އަމުރާއި އެކީ ވެސް ނިރުބަވެރިން ރަފާހަށް ވަދެ، ހަމަލާތައް ދިނުމުން ރަފާހުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ