ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާތީ ބާ ކައުންސިލްގެ ކަންބޮޑުވުން

ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ހަނިވަމުންދާތީ ބާ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށް، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ނެގެހެއްޓުމަށް ގޮވާލައިފި އެވެ. 
"އަދަދު" ނޫހުން ދެއްކި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ އިސް ދެ ވެރިން ކަމަށްވާ ހުސެއިން ފިޔާޒު މޫސާ އަދި ހަސަން އަހުމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވެ އެވެ. އަދި އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ. 
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ޑިއު ޕްރޮސެސް އަދި އިންސާފު ގާއިމުކުރުމުގެ އުސޫލުތައް ހަނިވަމުންދާ ކަންތައްތަކެއް ހިނގަމުންދާ ކަމަށެެވެ. 
The most trusted news source in the Maldives
އޭގެ ތެރޭގައި، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ކްރިމިނަލް ކޯޓުން ނޫސްވެރިން ޖަލަށްލުމާއި، ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭގޮތުން އާންމުން ވާހަކަދެއްކުން ހަނިވާނެހެން ފުޅާ ދާއިރާއެއްގައި އަމުރުތައް ނެރުމާއި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގާއި ހުޅުވާލައިގެން ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ ހައްގަށް ހުރަސްއެޅޭ ފަދަ ކަންކަން ހިމެނޭ ކަމަށް ބުންޏެވެ. 
ބާ ކައުންސިލުން ބުނީ ދައުލަތުން އަމަލުތައް ބަހައްޓަން ޖެހޭނީ ގާނޫނުއަސާސީއާ އެއްގޮތަށް، ޑިއު ޕްރޮސެސް ކަށަވަރުކުރުމާ އެކު، ގާނޫނުތަކުން ރައްކާތެރިކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ފުށުނާރާނެ ގޮތަށް ކަމަށެވެ. 
"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގެ ގާނޫނުއަސާސީގެ އެންމެ މުހިންމު އަސާސްތައް. މި މިނިވަންކަން ހަނިކުރުމަށް ނިންމާ ކޮންމެ ނިންމުމަކީ ގާނޫނީ ގޮތުން ސައްހަ، އެކަމަށް ކޮންމެހެން ބޭނުންތެރި، އަދި ހާސިލުކުރަން ބޭނުންވާ މަގުސަދާ އެއް މިންވަރުގެ ނިންމުމަކަށް ވާންޖެހޭނެ،" ބަޔާނުގައި ބުންޏެވެ. 
The most trusted news source in the Maldives
ބާ ކައުންސިލުން ބުނީ ގާނޫނީ ސިޔާދަތު ނަގަހައްޓައި ކުރިއެރުވުމަށް އެ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން، އެޓާނީ ޖެނެރަލް އާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އިތުރުން ކްރިމިނަލް ކޯޓަށް އެ ކައުންސިލުން ރަސްމީ ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. 
"މި ސިޓީތަކުގައި، އަދުލުވެރިކަމާއެކު ޝަރީއަތް ކުރިއަށް ގެންދިއުމާއި، ދައުވާ އުފުލުމުގަ އާއި ފަނޑިޔާރުންގެ މިނިވަންކަން ދެމެހެއްޓުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް އެ މުއައްސަސާތަކަށް ވަނީ ހަނދާންކޮށްދީފައި،" ބަޔާނުގައި ބުންޏެވެ. 
އަދި ބާ ކައުންސިލްގެ "ޕްރޯ ބޯނޯ ކްލިއަރިން ހައުސް" މެދުވެރިކޮށް، ގާނޫނީ އެހީތެރިކަން ބޭނުންވާ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ