ދިވެހިރާއްޖޭގެ އިގްތިސާދީ މަސްލަހަތު ކުރިއެރުވުމަށްޓަކައި ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއާއި ގާތް ގުޅުންތައް ބާއްވަމުންދާ ގައުމުތާއިމެދު ކަުރެވޭ މުއާމަލާތްތަކަށް އަލިއަޅުވައި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ޝަރީފްވަނީ ބަދަލުވަމުންދާ ދުނިޔޭގެ ސިޔާސީ މަސްރަހުގައި ދިވެހިރާއްޖޭއިން ފަރުވާތެރިކަމާއިއެކު މަސައްކަތްތައް ކުރަންޖެހޭކަމަށެވެ. އަދި ދިވެހިރާއްޖެއިން ހިޔާރުކުރަންވާނީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަދަ މަގެއްކަމަށާއި އިންޑިއާ އާއި ޗައިނާ އަކީވެސް ދިވެހިރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިންކަމަށްވާއިރު ދެ ގައުމާއިއެކުވެސް ގާތް ގުޅުންތަކެއް ބޭއްވުން ބޭނުންތެރިކަމަށެވެ.
ޝަރީފް ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަކީ ޔޫރަޕްކަމަށެވެ. އެހެންކަމުން އެ ބައްރުގެ ގައުމުތަކާއިއެކުވެސް އެކަށީގެންވާ ގުޅުމެއް ގާއިމުކޮށް ދެމެހެއްޓިފައި އޮތުން މުހިންމުކަމަށާއި އެހެނިހެން އިގްތިސާދީ ބައިވެރިންނާއި ޕްރޮޖެކްޓުތަކަށް ފަންޑުކުރާ ފަރާތްތަކާއި ދެމެދު ގުޅުން ބޭއްވުންވެސް މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އިގްތިސާދާއި ގުޅުން ހުރި ކަންކަމަކީ ހާރިޖީ މަސައްކަތްތަކުން މުހިންމު ބައެއްކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ މަގުސަދު ކުރިއެރުވުމަށްޓަކައި ހާރިޖީ ވުޒާރާގެ މަސައްކަތްތައް އެކަށީގެންވާ މިންގަނޑެއްގައި ކުރިއަށް ގެންދެވެންޖެހޭކަމަށް ވިދާޅުވިއެވެ.
އިގްތިސާދީ މަސްލަހަތު ކުރިއެރުވުމަށްޓަކައި ހާރިޖީ ވުޒާރާ ހަރުދަނާ ގޮތެއްގެއި ހިނގަން ޖެހޭ: ކުރީގެ މެމްބަރު ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ