ސިއްސައިގެންދާވަރުގެ ބިލަކާއިއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރޯދަ މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި ޒުވާނެއްގެ ބިލް ބޮޑުވެ ނުދެއްކިގެން، އާއިލާ އިން ކަންބޮޑުވެއްޖެއެވެ.
މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ގެ ދެ ވަނަ ފިޔަވަހީގައި ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަޚަމްވި ލ. ކަޅައިދޫ ޕެންޒީމާގޭ މުހައްމަދު ނިޒާމްގެ އާާއިލާއިން ވަނީ އާއްމުންގެ އެހިތެރިކަމަށްވެސް އެދިފައެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް، މަގު ބަންދުކުރަން ހުރަސްކޮށްފައި އޮތް ދަގަނޑު ހޮޅިއެއްގައި ޖެހިގެން ނިޒާމްގެ މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
އެކްސިޑެންޓުގައި އޭނާގެ ކޯކަށިގަނޑާއި ނޭފަތުގެ ކަށިގަނޑުގެ އިތުރުން ނިތްކުރިމަތިން، ކަށިގަނޑާ އެކު ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ލޯމަތިން ވެސް ފަޅައިގެން ގޮސް، ލޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އޭނާއަށް ޓްރީ ޓޮޕްގެ އައިސީޔޫގައި ހަފުތާއެއްހާ ދުވަހު އެޑްމިޓްކޮށް މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލަން ބެލިއިރު،އޮތީ ހޮސްޕިޓަލުގެ ބިލަށް 350،000 ރުފިޔާ އަރައިފައެވެ. އާއިލާއިން ރާއްޖެއެމްވިއަށް މައުލޫޟާތު ދެމުން ބުނީ، އާސަންދަ އިން ލިބުނީ 18،000 ރުފިޔާ ކަމަށެވެ. އެންސްޕާއިން އެއްވެސް އެހީއެއް ނުލިބެއެވެ. އެކަމަކު އިންޝުއަރެންސް ކަވަރު ކޮށްފައި އޮތުމުންނާއި ރަހުމަތްތެރިންގެ އެހީގައި އެ އާއިލާ އިން ވަނީ ބިލްގެ ތިން ބައިކުޅަ ދެ ބަޔަށްވާ ފައިސާ ހަމަކޮށްފަ އެވެ. ނިޒާމްގެ ބިލަށް ޓްރީ ޓޮޕް ހޮސްޕިޓަލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިންކަމަށް އާއިލާއިން ބުންޏެވެ.
އާއިލާއިން ބުނާގޮތުގައި މިހާރު ބޭނުންވަނީ 111،000 ރުފިޔާއެވެ. އެކަަމަކުވެސް ހޮސްޕިޓަލުގައި އޮންނަ ކޮންމެ ދުވަހަކަށް 1،800 ރުފިޔާ އަރަމުންދާކަމަށް އާއިލާއިން ބުނެއެވެ.
ނިޒާމް އެކްސިޑެންޓް ވީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުން ދުއްވާފައި ދަނިކޮށެވެ.
ހުޅުމާލޭގައި ދާދި ފަހުންވެސް ވަނީ ނުރައްކާތެރި އެކްސިޑެެއްޓެއް ހިނގާ ޒުވާނަކު މަރުވެފައެވެ.
 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ