އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން އެދި އެލެކްޝަންސް ކޮމިޝަނުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން މިމައްސަލަ ހުށަހަޅާފައިވަނީ ހައިކޯޓަށެވެ. ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އީސީއިން ނަގައި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވެއެވެ. މައްސަލަ އަނބުރައި ގެންދަވައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސަބަބެއް ކަމުގައި އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވެފައިވަނީ އެމައްސަލައަކީ މުޅި ޤައުމާ ގުޅުންހުރި ދުސްތޫރީ މައްސަލައަކަށްވުމެވެ. އިންތިޚާބުތަކާ ގުޅޭ ދުސްތޫރީ މައްސަލަތަކުގެ ފުރަތަމަ މަރުޙަލާ ހިނގާނީ ހައިކޯޓުގައި ކަމުގައިވިޔަސް ސުޕްރީމް ކޯޓަށް ޚާއްޞާ އިޚުތިޞާޞު ލިބޭ ދުސްތޫރީ މައްސަލަތެއްވެސް ހުރެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޮމިޝަނުން ހުށަހެޅުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެފައިވަނީ، ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވުމުން އިންތިޚާބު ކުރިއަށް ގެންދެވޭނެ ޙާލަތެއް މިހާރު ނެތް ކަމުގައެވެ. އިލެކްޝަންސް ކޮޝަނުންވަނީ ކުރިން އިންތިޚާބު ބޭއްވުމަށް ކަނޑައެޅި މުއްދަތު ކަމުގައިވާ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުން އެމަހުގެ 18 ވަނަ ދުވަހަށް އިންތިޚާބު ފަސްކޮށްފައެވެ. އެއީ އެކޮމިޝަނުގެ އިޚުތިޔާރީ ބާރު ބޭނުންކޮށްގެން އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހުގެ މުއްދަތެވެ. އެއަށްވުރެ ފަސް މުއްދަތަކަށް އިންތިޚާބު ލަސްކުރާނަމަ، އިލެކްޝަންސް ކޮމިޝަނަށް ކޯޓު އަމުރެއް ބޭނުންވާނެއެވެ. ހައިކޯޓުގައި އިލެކްޝަންސް ކޮމިޝަނުން އެދިފައިވަނީ ކޮވިޑް-19 އާ ގުޅިގެން ޤައުމު މިހާރު އޮތް ޙާލަތުން އަރައިގަނެވި އާދައިގެ ޙާލަތަށް ރުޖޫޢަވެއްޖެކަން ސަރުކާރުން ހާމަކުރުމާ ހަމައަށް އިންތިޚާބު ލަސްކޮށްދިނުމަށެވެ. އަދި އެޙާލަތަށް ޤައުމު ރުޖޫޢަވުމުން އިންތިޚާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމުގެ ބާރު އެކޮމިޝަނަށް ދިނުމަށެވެ. މުއްދަތެއް ނެތް ގޮތަށް އިންތިޚާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާ ސަބަބު ކަމުގައި އެކޮމިޝަނުގެ ރައީސް ޝަރީފު ވިދާޅުވީ ދުނިޔޭގެ ޙާލަތާއި ޤައުމުގެ ޙާލަތު އަންދާޒާކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދާތީ ކަމުގައެވެ. އަދި އެއާއެކު މިދުވަސްވަރު މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީއިން އަންގާފައިވާތީ އެކަމަށްވެސް ރިޢާޔަތްކުރެއްވި ކަމުގައި ޝަރީފު ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އިންތިޚާބު މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ