ކޮވިޑް-19 އާ ގުޅިގެން ސާކް ގައުމުތަކުގެ ހެލްތު މިނިސްޓްރީގެ ވެރިން ބައްދަލުކޮށްފި

ކޮވިޑް-19 ބަލިން ރައްކާތެރިވުމަށް ސާކް ސަރަހައްދުގެ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސާކް ސަރަހައްދުގެ ސިއްހީދާއިރާގެ އިސްބޭފުޅުންގެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވެލެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުއެވެ. ޕާކިސްތާންގެ ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ބޭއްވި މިބައްދަލުވުމުގައި މެމްބަރު ގައުމުތަކުންވަނީ އެގައުމުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަޖުރިބާތައް ހިއްސާކޮށްފަވެ. އަދި މިމަސައްކަތްތަކުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، މިކަމުގައި މެމްބަރު ގްއުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ގްއުމުތަކުން ވަނީ ފާހަގަކޮށްފައެވެ. މިބައްދަލުވުމުގައި ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ރާއްޖޭގެ ހާލަތާއި، ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ގައުމުތަކާއި ހިއްސާކުރައްވާފައެވެ. އަދި ރާއްޖެއަކީ ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން، މިހާލަތުގައި ބޭހާއި ސިއްހީ އާލާތްތަކާއި މެޝިނަރީ ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ގައުމުތަކާ ހިއްސާކުރެއްވިއެވެ. އަދި މިކަމުގައި މެމްބަރު ގައުމުތަކުން ގުޅިގެން މަސައްކަތްކުރެވިއްޖެނަމަ މިފަދަ ކަންކަން ފަސޭހަވެގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިއަދުގެ ވީޑިއޯ ކޮންފަރެންސްގައި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ބައްދަލުވުންތައް ބާއްވައި، މެމްބަރު ގައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ ގައުމުތަކުން އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ