އދ. އަތޮޅަކީ އެއްވެސް ވެރިކަމެއްގައި ސަރުކާރުގެ މާބޮޑު އަޅާލުމެއް ލިބޭ އަތޮޅެއް ނޫން ކަމަށާއި އެ އަތޮޅަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނެސްދިނުމަށް ސަރުކާރަށް މަޖުބޫރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ހޯމަ ދުވަހުގެރޭ އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވަނީ އެމްޑީޕީން އެޖެންޑާ 19ގެ ނަމުގައި ޕްރޮމޯޓްކުރި އެއްވެސް ކަމެއް މިހާތަނަށް ކޮށްދީފައިވޭތޯ ސުވާލު އުފައްދަވާފައެވެ.
ގާސިމް އިބްރާހިމް ވަނީ އދ. އަތޮޅަކީ މިސަރުކާރު ގެންނަން އެންމެ ގިނަ ވޯޓު ދިން އަތޮޅުކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިވީހާތަނަށް އެ އަތޮޅުގެ ނުވަތަ އެ ދާއިރާގެ އެެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ޖުމްލަކޮށް ހުރިހާ ވެރިކަމަކަށް ބަލާލިކަމުގައިވިޔަސް، އެހެން ރަށްތަކާ އަޅާބަލާއިރު، އދ. މާމިގިލި ނުވަތަ އދ އަތޮޅުގެ ރަށްތަކަކީ، ސަރުކާރުން އެއްވެސް ވަރެއްގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެނެސްދީފައިނުވާ ހިސާބެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
އަތޮޅުގެ ރަށްތަކުން ފެންނަ ތަރައްގީއަކީ އަތޮޅުގެ ރައްޔިތުންގެ ބުރަ މަސައްކަތް ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން މާމިގިލީގައި އެންމެ ފަހުން ހުޅުވި ޕާކަކީވެސް ރަށު ރައްޔިތެއްގެ މަސައްކަތްކަން ގާސިމް ފާހަގަކުރެއްވިއެވެ. އެ ދާއިރާއަކީ މިސަރުކާރު ގެންނަން އެންމެ ގިނަ ވޯޓު ދިން އެއް ދާއިރާ ކަމަށާއި، އެހެންކަމުން އެރަށަށް ބޮޑެތި އިސްވެސްޓްމަންޓްތައް ގެނެސްދިނުމަކީ ސަރުކާރަށް މަޖުބޫރުކަމެއް ކަމުގައި ވިދާޅުވިއެވެ. މަގުތައް ހެދުމާއި، ހޮސްޕިޓަލާއި، ޕޮލިސް ސްޓޭޝަނެއް ގާއިމްކުރުން ފަދަ ކަންކަމަށް ރައްޔިތުން ވަނީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި އެކަންކަން ކޮށްދިނުމަކީ ސަރުކާރަށް މަޖުބޫރުކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެއް ޕާޓީއަކުން ނުކުމެ، ވެރިކަން ހޯދިފައި ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ގޮތް ނިންމާ ޕާޓީ ކަމުގައިވިޔަސް، އެއީ އެކަމާ މާފަޚުރުވެރިވެ އެކަމުގެ ވާހަކަ ދައްކަން ބޭނުންވާ ކަމެއްނޫން ކަމުގައި ގާސިމް ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރު ވަކި ޕާޓީއަކަށް އެކަނި ވެރިކަަން ކާމިޔާބު ކުރެވިފައި ނުވަނީ، ރައްޔިތުން އެގޮތް ބޭނުންނުވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ތިން ބާރު ވަކިން އޮތް ކަމަކު، ހުރިހާ ކަމެއް އެއްބަޔަކަށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައެވެ. އޭގެ ހެކިތައް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ކައިރި މާޒީގައި ފެންނަން އެބަހުރި ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ވަކިވަކި ޕާޓީތަކާއި، ރަށްތަކުގެ މަސްލަހަތަށްވުރެ މުޅި ގައުމުގެ މަސްލަހަތު އަބަދުވެސް މާ މުހިއްމު ކަމަށް ގާސިމް ވިދާޅުވިއެވެ. ގައުމުގެ މަސްލަހަތު ގެއްލިއްޖެ ކަމުގައިވާނަމަ، ގައުމުގެ މުޅި އިގްތިސާދަށް ގެއްލުންވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިހާރު ގާނޫނު އޮތްގޮތުން އަންހެން ބޭފުޅުންނަށް ވާދަކޮށްގެން ގޮނޑި ކާމިޔާބު ކުރުމުގެ އެއްވެސް ބާރެއް ނެތް ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި މިހާރު ގޮނޑިތަކަަށް އަންހެން ބޭފުޅުން އައްޔަން ކުރަންޖެހެނީ މަޖުބޫރު ހާލަތެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މިހާރު ހަމަހަމަކަމާއި ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފުވާ ކަމަށާއި މިހާރު އަންހެން ބޭފުޅުންނަކީ ބަޔަކު ދައްކާހާ ވާހަކައަކަށް ހެއްލޭ ވަރަށްވުރެ މާ ހޭލުންތެރި ބައެއް ކަމަށް ވިދާޅުވިއެވެ.
އެއްވެސް އިރެއްގައި އަންހެން ބޭފުޅުންގެ ޝާމިލުވުން ކުޑަކުރުމަށް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެ އަންހެން ބޭފުޅުންވެސް އިސްލާމްދީނާއި ގާނޫނުއަސާސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަމުގައި ޖެހިލުމެއްނެތި ކުރިމަތިލެއްވުމަށް ވަނީ ގޮވާލައްވާފައެވެ.
މި ޖަލްސާގައި ޖޭޕީގެ ގޮފި އުފެއްދުމަށް ހުށައެޅި 18 ގޮފީގެ ފޯމާއި، ޕާޓީއާ އަލަށް ގުޅުނު 400 އަށްވުރެ ގިނަ މީހުންގެ ފޯމު ވަނީ ޕާޓީގެ ލީޑަރާ ހަވާލުކޮށްފައެވެ.
އދ. އަތޮޅަށް ސަރުކާރުން އިންވެސްޓްމަންޓްތައް ގެނެސްދޭންޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ