އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކިނބިދޫ ދާއިރާގެ ފަސް ރަށުގެ ތަރައްގީގެ މަޝްރޫއަށް ފައިސާ ހިމަނައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފި އެވެ.
މިކަމަށް އެދިވަޑައިގެންފައި ވަނީ ކިނބިދޫ ދާއިރާގެ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބުދުﷲ ރިޔާޒު ސޮއިކުރައްވައި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރަށް ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ.
ރިޔާޒުގެ ސިޓީގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެމަނިކުފާނުގެ ދާއިރާގައި ހިމެނޭ ފަސް ރަށުގައި ހިންގުމަށް ރައްޔިތުން އެދޭ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހިމަނައިދިނުމަކީ އެރަށްތަކުގެ ރައްޔިތުންނާއި ކައުންސިލް ތަކުން އެދޭ ކަމެއް ކަމަށެވެ.
އެގޮތުން ކިނބިދޫ ދާއިރާގައި ހިމެނޭ އޮމަދޫ ބަނދަރު ހެދުމާއި، ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއާއި، ކަނޑޫދު އާއި ކިނބިދޫގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު އާއި ވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހިމަނައިދިނުމަށް މިސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
"ވީމާ 2017 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އެކުލަވާލާއިރު މިރަށްތަކުގެ ކައުންސިލް ތަކުން އެދިފައިވާ މަޝްރޫއުތައް ބަޖެޓުގައި ހިމަނައިދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ،" ފިނޭންސް މިނިސްޓަރަށް ރިޔާޒު ފޮނުއްވި ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މަސައްކަތް ކުރަމުންދަނީ މިމަހުގެ ނިޔަލަށް ބަޖެޓްގެ މަސައްކަތް މުޅިން ނިންމާލުމަށް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 27.5 ބިލިއަން ރުފިޔާ ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކިނބިދޫ ދާއިރާގެ މަޝްރޫއުތައް ހިމަނައިދިނުމަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ