ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާގެ މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
ނަޖީބު އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިމައްސަލާގައި ކުށް ސާބިތުވެ ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 19 ޖުލައި 2012 ގައެވެ.
ހަނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މިމައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗް ދެފަހަރެއްގެ މަތިން ބަދަލުވުމާ ގުޅިގެން ތިންވަނަ ފަހަރަށް ފަނޑިޔާރުންގެ ބެންޗް އެކުލަވާލާ މިމައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނިންމާލާފައިވަނީ މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ނަޖީބު މަރާލުމުގައި ހަނާ ވެސް ބައިވެރިވެފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުންނާއި ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ ކަމަށެވެ.
މިމައްސަލާގައި މިއަދު ހައިކޯޓުން ހުކުމްކުރިއިރު ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
ހަނާއާއި އެކު އޭނާގެ ލޯބިވެރިޔާ އަހްމަދު މުއްރަތު މެރުމަށް ވެސް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ހުކުމް ކޮށްފަ އެވެ. މުއްރަތުގެ ފަރާތުން ވެސް މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. ނަމަވެސް ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެހެންކަމުން މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމު ސައްހަ ކުރުމަށް ދައުލަތުން މިހާރު ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
ހަނާ މެރުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ