އަންމަހުގެ ހަތްވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ލުމުލުގެ ކުރިން ޖުމްހޫރީ ގުޅުމުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި އެހެންނޫންނަމަ އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ގެއްލިދާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން އެގުޅުމުގެ މައި ޖަގަހަ މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އުމަރު ވިދާޅުވީ ވޯޓުލާން ފެށުމުގެ ކުރިން އިންތިހާބު ގަބޫލު ކުރާނަންތޯ ނުވަތަ ނޫންތޯ އެގުޅުމުން ނިންމާނެ ކަމަށާއި އިންތިހާބުގެ ވޯޓުލާން ފެށުމުން ނުވަތަ ނަތީޖާ އިއުލާން ކުރުމުން އިންތިހާބު ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުނުވާނެ ކަމަށެވެ. އަދި އިންތިހާބުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ބަލިވިޔަސް ބަލި ގަބޫލު ކުރައްވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އިތުރަށް އުމަރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓް ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޖަމީލު އިންތިހާބުގައި ބަލިވެއްޖެ ނަމަ އިންތިހާބު ގަބޫލު ނުކުރައްވާނެ ކަމަށްވިދާޅުވަނީ މިހާރުވެސް ބަލިވެއްޖެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
"ޕީޕީއެމް އަދި ރައީސް ވަހީދުވެސް މިއިންތިހާބުގައި ވާދަވެރިކޮށް ވާދައެއް ނުކުރައްވާ. އެދެ ބޭފުޅުން އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ. މިއިންތިހާބުގެ ވާދަވެރިންނަކީ އެމްޑީޕީއާއި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް،" އުމަރު ވިދާޅުވިއެވެ.
އިތުރަށް އުމަރު ނަސީރު ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފިނަމަ ބަލި ގަބޫލު ކުރައްވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ޖުމްހޫރީ ގުޅުމުން މިހާރު ވަނީ ގުއުމީ ސަލާމަތާއި އަމަންއަމާން ކަމާބެހޭ ކޮމެޓީއެއް ނަންގަވާފައި ކަމަށާއި އެކޮމެޓީގެ ވެރިއަކީވެސް އުމަރު ކަމަށެވެ. އިތުރަށް އެކޮމެޓީގައި ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު އާއި ރައީސް މައުމޫންގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި އިލްޔާސް އިބްރާހިމް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ފަޔާޒުވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އިތުރަށް އުމަރު ވިދާޅުވީ އެކޮމެޓީއަކީ ވަރަށް ގާބިލް މިވަގުތު ރާއްޖޭގައި ތިއްބެވި އެކަމަށް އެންމެ ފުންނާބުއުސް ބޭފުޅުން ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި އަމަންއަމާންކަން ގާއިމު ކުރައްވާނެ ކަމަށާއި ޖުމްހޫރީ ގުޅުމަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކުރިއަށް އޮތް ފަސް އަހަރު ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސް ދެއްވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ވޯޓުލާން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނާމެދު ގޮތެއް ނިންމާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ