ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށާއި، ނަމަވެސް އެފަދަ ވާހަކަތަކަށް ބެލުމެއް ނެތި ދިވެހިރާއްޖޭގެ ކޯޓްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރަމުން ގެންދާނެކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެކުވެރި ދައުލަތްތަކުން ދިވެހިރާއްޖޭގެ ސުްޕްރީމް ކޯޓާއި ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަދައްކަމުންދަނީ "މުސްތަގިއްލު ދައުލަތެއްގެ ދުސްތޫރާ ތޮޅުން" ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެމެރިކާއާއިި ކެނެޑާ އަދި ބައެއް ގައުމުތަކާއި ޖަމާއަށްތަކުން ބަޔާންތައް ނެރެފައިވަނިކޮށް އެކަން ކުށްވެރިކުރައްވާ އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ އެއްވެސް ނިންމުމަކަށް ފާޑުކިޔުމުގެ އިޚްތިޔާރު އެއްވެސް ބަޔަކަށް ލިބިފައި ނުވާ ކަމަށެވެ.
ދައުލަތުގެ ކަންކަން ހިންގަންތިބި މަދު ފަރާތްތަކުން ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ތަކްރާރްކޮށް ގޮންޖަހައި ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑަމުން އައި އައުމަކީ ދައުލަތުގެ އެއް ބާރަށް ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި، ގަދަރުވެރިކަން ވެއްޔާ މޮޑެލައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ވުޖޫދުން ނެތިގެން ދިއުމުގެ މަގުފަހިކުރުވާނެ ޢަމަލެއްކަން ކަށަވަރުވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އުއްތަމަ ފަޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މުސްތަގިއްލުކަން ގެއްލި، އަދި އެ ކޮމިޝަންގެ މަސައްކަތްތަކަށް ސުޕްރީމް ކޯޓުން ނުފޫޒް ފޯރުވާފައިވާކަމަށް ބުނުމަކީ އެއްވެސް ހައިސިއްޔަތަކުން ބޭރުގެ އެއްވެސް ފަރާތަކަށް ނުވަތަ ބޭރުގެ އެއްވެސް ދައުލަތަލަށް އަދި ޖަމާއަތަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދުދެއްވާ އުއްތަމަ ފަޑިޔާރު ބަޔާނެއް ނެރުއްވާފައިވާއިރު މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައެއް މެންބަރުން ވަނީ އެ ނިންމުން ގަބޫލުނުކުރާނެކަމަށް ބުނެ ވަކިކުރި މެންބަރުންގެ ބަދަލުގައި މެންބަރުން ހަމަޖައްސަން މަސައްކަތް ނުކުރާނެކަމަށް ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓު ވޫޖުދުން ނެތިދާފަދަ ކަންކަން ދަނީ ހިންގަމުން: އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ