"ސުޕްރީމް ކޯޓް އިމާރާތް އަޅަން ފެށޭކަށް ނެތް"

ސުޕްރީމް ކޯޓް އިމާރާތް އަޅަން ބަޖެޓުން ފައިސާ ހަމަޖައްސާފައިވީ ނަމަވެސް މިއަހަރުގެ ތެރޭގައި ސުޕްރީމް ކޯޓު އިމާރާތްކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓް އިމާރާތް އަޅަން ބަޖެޓުން ހަމަޖައްސައިދީފައިވާ ހަތްލައްކަ ވަރަކަށް ރުފިޔާއިން މިއަހަރު ކުރެވޭނެ ކަމަކީ ސުޕްރީމް ކޯޓުގެ އިމާރާތް ބަޔަކު ލައްވާ ކުރެހުމުގެ މަސައްކަތް ކަމަށެވެ.
"ސުޕްރީމް ކޯޓް އިމާރާތް ކުރުމަށް އަޅުގަނޑުމެން ބޭނުންވާ ކޮންސެޕްޓެއް މިހާރު ވާނީ ހަދާފައި. އެ ކޮންސެޕްޓާއި އެއްގޮތަށް ކުރަހައިދޭނެ ފަރާތަކަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާތްގަނޑަކަށް ހައެއްކަ ލައްކަ ރުފިޔާ ހަރަދު ކުރަންޖެހޭނެ. އެހެންވީމާ ދައުލަތުގެ ބަޖެޓުން މިއަހަރު ލިބިފައިވާ ފައިސާއިން އިމާރާތުގެ އަމަލީ މަސައްކަތް ފެށިދާނެ ކަމުގެ އުއްމީދެއް ނެތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓް އިމާރާތް ކުރަހައިދޭނެ ފަރާތެއް ހޯދަން އިއުލާން ކުރުމުން ރާއްޖޭގައި އެމަސައްކަތް ކުރާ ބޮޑެތި ކުންފުނިތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އިމާރާތް ކުރަހައިދޭން ޝައުގުވެރިވި ފަރާތްތަކުން މިދިޔަ ހަފުތާ ބިޑް ހުށަހަޅާފައިވާތީ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ ހާއްސަ ޓީމަކުން ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަނީ. މި މަސައްކަތް މާގިނަ ދުވަސްނުކޮށް ނިންމާލާ ޖޫން ފަހުކޮޅު ނޫނީ ޖުލައި ކުރީކޮޅު ބަޔަކު ހަމަޖެއްސޭނެ ކަމަށް އަޅުގަނޑު ދެކެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުން ލުމަށް ވެސް ކޯޓުން ބޭނުންވާ ކަމަށެވެ. ނަމަވެސް މުވައްޒަފުން ވައްދައިގެން ތިބެވޭނެ ގޮތެއް ނެތް އިރު، އަޑުއެހުންތައް ބާއްވަން ސުޕްރީމް ކޯޓުގެ ތެރޭގައި އިތުރު ކޯޓް ރޫމެއް ހެދޭނެ ގޮތެއް ވެސް މިވަގުތު ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އިމާރާތް އަޅަން ސަރުކާރުން ދީފައި ވަނީ ހ. ބުލޫހެވަން، ކުރީގެ ނާދީ ހިންގި ބިން ސުޕްރީމް ކޯޓަށް ދީފަ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓު 2008 ވަނަ އަހަރު އުފެދުނު ފަހުން ދާއިމީ އިމާރާތެއް ނުލިބި މަސައްކަތް ކުރަންޖެހުމުން ސުޕްރީމް ކޯޓުން ކުރަން ބޭނުންވާ ގޮތަށް މަސައްކަތްތައް ނުކުރެވި ކޯޓް ހިންގުމަށް ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ އިމާރާތުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށޭތޯ ވެސް ސަރުކާރާ މަޝްވަރާ ކުރާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިތިބި ތީމުގެ އިމާރާތަކީ ވެސް ހަގީގަތުގައި އޮފީސް އިމާރާތަކަށް ހާއްސަކޮށްފައި ހުރި ތަނެއް ނޫންވީމާ މިތަނުގައި ވެސް އެބަހުރި ބައެއް ދަތިތައް. އަނެއްކާ މިއީ ރާއްޖޭގެ ވަރަށް މުހިއްމު ބިނާއެއް ކަމަށްވާތީ އަޅުގަނޑުމެން މިތަނުގައި މަސައްކަތް ކުރި ނަމަވެސް މިއިމާރާތުގެ އެތެރެއަށް އެއްވެސް ބަދަލެއް ނުގެނެސް މި މަސައްކަތް ކުރަނީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓާއި އެއްގޮތަށް މާލޭގައި ހިންގާ ގިނަ ސުޕީރިއާ ކޯޓު ތަކަށް ވެސް ޖާގައިގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ކޯޓު ތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަގުތީ ގޮތުންނާއި ދާއިމީ ގޮތުން އަޅަންޖެހޭ މުހިއްމު ފިޔަވަޅު ތަކެއް ހުރިކަމަށް ވެސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ނިމިގެން ދިއުން ލަސްވާތީ ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެމައްސަލައަށް ވެސް އޮތް އެންމެ ބޮޑު ހައްލަކީ ޖާގައިގެ މައްސަލަ ހައްލުވުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ދެކެވަޑައިގަންނަވަ އެވެ.
"ކޯޓު ތަކުގައި މި ތިއްބަވަނީ ވަރަށް މަދު އަދަދެއްގެ ފަނޑިޔާރުން. އެބޭފުޅުންގެ އަތުގައި ގިނަ މައްސަލަތަކެއް ވެސް އެބަހުރި. އިތުރު ފަނޑިޔާރުންނާ ބައެއް އިދާރީ މުވައްޒަފުންނަށް ވަޒީފާ ދެވިއްޖެނަމަ މިހެން ހުރި މައްސަލަތައް އަވަސް ކުރެވޭނެ. އެކަމަކު ފަނޑިޔާރުން ހޯދުމަށް ވެސް ދަތިވަނީ އެބޭފުޅުންނަށް ވަޒީފާ ދެއްވުމަށްފަހު ބޭތިއްބޭނެ ގޮތެއް ނެތުމުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ