ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް އިންތިހާބުކޮށްފި އެވެ.
މިދެބޭފުޅުން މިމަގާމްތަކަށް އިންތިހާބުކޮށްފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މަގާމްތަކަށް މެމްބަރުން ހޮވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ އޮފީސް މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރަކަށް އަބުދުﷲ ރިޔާޒު އިންތިހާބުކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ އަމީންއާމުގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ. އަދި އަމީން އާއްމުގެ ނައިބަކަށް ހޮވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ އަހްމަދު އެވެ.
ޕާލިމެންޓްރީ ގުރޫޕްގެ ވިޕުންގެ ގޮތުގައި ހޮވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އެވެ.
މީގެ އިތުރުން ޖުމުހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީއަށް ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން ހޮވާ 10 މެންބަރުން ވެސް މިއަދު ވަނީ އިންތިހާބުކޮށްފަ އެެވެ.
މިބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޕާލިމެންޓްރީ ގުރޫޕްގެ މަގާމުތަކަށް ހޮވުނު ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ 15 މެމްބަރުން ތިއްބަވަ އެވެ.
ޖޭޕީގެ ޕީޖީ ލީޑަރަކަށް ގާސިމް އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ