ޕީޕީއެމްގެ ނިންމުންތައް އައިސްފައި ވަނީ ކޯލިޝަން އެގްރީމެޓާ ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ގިނަ ވާހަކަތައް ދައްކާ ގޮތްތައް ނިންމާއިރު "ވެގެން އުޅޭ ގޮތަކީ އަޅުގަނޑުމެން [ކޯލިޝަނުން] ބޭރުކޮށްލަން މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް" ވުން ކަމަށެވެ. "އެހެން މިދަންނަވަނީ ވެފައިވާ އަހުދުތައް ނުފުއްދަވާފައިވާތީ މިހާތަނަށް ވެސް ލިބިފައި ވަނީ 34 ސިޔާސީ މަގާމު. އެކަމު މިއަދު ޕީޕީއެމަށް މަގާމުތައް ލިބެމުންދޭ، އެހެން ދާތީ އަޅުގަނޑު މިހެން މިދަންނަވަނީ، އަޅުގަނޑުމެން އެއްބަސްވުމަކާ ހިލާފެއް ނުވަން،"
ގާސިމް ވިދާޅުވީ ކޯލިޝަން އެގްރިމެންޓާ ހިލާފުވެފައި ވަނީ ޖޭޕީ ނޫން ކަމަށާއި އެ ޕާޓީ އޮތީ މިއަދު ވެސް މަޝްވަރާއަށްދާން ތައްޔާރަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް މަޝްވަރާއެއް ނެތި ޕީޕީއެމުން ދެ ކެންޑޭޓުން ނެރެން ނިންމުމުން އެގްރިމެންޓާ ހިލާފުވީ ކޮން ބައެއްތޯ ސުވާލު އުފެދޭ ކަމަށާއި ޕީޖީ އާއި ގަވަރުނަރު އައްޔަން ކުރުމުގައި ވެސް ސަރުކާރުން މަޝްވަރާއެއް ނުކުރައްވާ ކަމަށާއި އެ މަޝްވަރާތައް ކުރަން ވެސް އެގްރީމެންޓްގައި ބުނާ ކަމަށެވެ.
"މިއީ އަޅުގަނޑަށް އާ ތަޖުރިބާއެއް ނޫން،" ގާސިމް ވިދާޅުވި އެވެ. "މިފަހަރު އަޅުގަނޑަށް ތާއީދުކޮށްދެއްވާށޭ މިފަހަރު. ރައީސް ފޮނުވައިގެން އައީ ނާޒިމް އަދި ހުރިހާ ކަމަކަށް ފަހު މަޝްވަރާ ނުކޮށް އެބޭފުޅުން ސިޓީ ފޮނުވަނީ ވެސް އޭގެ ކުރިން އެއިން އެއްވެސް ބޭފުޅަކު ވިދާޅުވެފައެއް ނެތް އަޅުގަނޑު ގާތުގައި މަޑުކޮށްލާށެކޭ ވެސް. އަޅުގަނޑު ހުށަހެޅިން މަޝްވަރާއަށް އެކަމާ އަޅާ ނުލައި ބުނީ އަޅުގަނޑުމެން ނެރޭނަމޭ މިއީ މައި ޕާޓީއޭ ތިމަންނާމެނަށް ތާއީދު ކޮށްދޭށޭ."
ގާސިމް ވިދާޅުވީ އިތުރަށް ކުރާނެ ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ކަމަށާއި އެހެން ވުމުގެ ސަބަބުން އިތުރަށް މިކަމުގައި ދައްކާނެ ވާހަކައެއް ވެސް މިހާރު ނެތް ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ބާރުގަދަ ފަރާތްތަކުން ކަންތައްް ބޭނުން ގޮތަކަށް ކުރާއިރު ބިރުފުޅު ގަންނަ ކަމަށާއި ނިކަމެތިން އަބަދުވެސް ނިކަމެތި ކަންމަތީގައި ތިބޭ ކަމަށެވެ. އެހެން ނަމަވެސް ހައްގު ގޮތުގައި ހުންނަވާނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑު ނުދެކެން އަޅުގަނޑު ގޯހެއް ހަދާފައި އޮތްކަމަކަށް. އަދި އަޅުގަނޑުމެންގެ ޕާޓީއަކުން ވެސް އެގޮތަށް ނުދެކޭ. އެހެންވީމާ އަޅުގަނޑުގެ ވިސްނުން ވަރަށް ސާފު. އަޅުގަނޑު މިހިރީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލައިގެން. ދެން ގޮތެއް ނިންމާނީ، އަޅުގަނޑުމެންގެ ޕާޓީގެ އެންމެ މަތީ ގުނަވަން ކަމަށްވާ ކައުންސިލް ބައްދަލުވުމުން، އަޅުގަނޑުމެން މިތިބީ އިހުލާސްތެރި ކަމާއެކު،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަކީ މާދިއްޔަތުގެ އަޅެއްގެ ގޮތުގައި ހުންނާނެ މީހެއް ނޫން ކަމަށާއި މިނިވަންކަމާއި ޑިމޮކްރަސީއަށްޓަކައި ހައްގުތައް ހޯދައިދޭން މަސައްކަތް ކުރައްވަނީ އެހެންވެގެން ކަމަށެވެ. އަދި އެގޮތުގައި ދެމިހުންނަވާނެ ކަމަށް ވެސް މިއަދު ވިދާޅުވި އެވެ.
ިމިކަންކަމާ ގުޅޭ ގޮތުން ވަކި ކަމެއް ކުރުމަށް ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީން އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އެ ހާލަތު އައުމުން އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ ޕީޕީއެމްގެ އެއްބާރު ލުމާ ނުލައި މަޖިލީހުގެ ރައީސްކަން ލިބިދާނެތޯ އުފެދޭ ސުވާލުގެ ޖަވާބު ލިބޭނީ އެދުވަހު ނަގާ ވޯޓުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ޖޭޕީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދު ހަވީރު 5:30 އަށް މިހާރު ވަނީ ތާވަލްކޮށް މެންބަރުންނަށް ނޯޓިސް ފޮނުވާފަ އެވެ.
"ހައްގު ހޯދުމުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން މިވަނީ 2008 ވަނަ އަހަރުވެސް ބަޔަކާ ކޯލިޝަން ހަދައިގެން ތަޖުރިބާތަކެއް ކޮށްފައި. އެކަމަކު އަޅުގަނޑުމެން އޭރުވެސް ގައުމުގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތެއް ނުކުރަން. އަދި މިހަރުވެސް އަޅުގަނޑުމެންގެ ޕާޓީން އެފަދަ ގޮތަކަށް މަސައްކަތެއް ނުކުރާނެ،" ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމާއި ޖޭޕީއާ ދެމެދު އޮތް ކޯލިޝަން އެގްރިމެންޓްގެ 8.2 ގައި ބުނަނީ އެއްބަސްވުމުގައި ނެތް ކަމެއްނަމަ ނިންމާނީ މަޝްވަރާކޮށްގެން ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި މިއަދާ ހަމައަށް ވެސް މަޝްވަރާ ކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނިންމުންތައް ކޯލިޝަން އެގްރީމެންޓާ ހިލާފު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ