އަފްރާޝީމްގެ މަރާ، ރައީސް ޔާމީން އަދި އެމްޑީޕީގެ ލީޑަރޝިޕާވެސް ގުޅުމެއް ނެތް- އުމަރު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ މަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަދި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ލީޑަރޝިޕާވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއްކަމުގައިވާ އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަދަދައްކަވަމުން އުމަރު ވިދާޅުވީ ޑރ. އަފްރާޝިމް މަރާލުމަށް ފަންޑު ކުރީ ކޮން ބައެއްކަން ނޭނގެއޭ ބުނެ ދައްކާ ވާހަކަތަކަކީ މުޅިން ތެދު ވާހަކައެއް ނޫން ކަމަށާއި އެ މައްސަލާގައި ކުރި ތަހުގީގަށް އޭނާ މަރާލުމަށް ފަންޑު ކުރި މީހުން ދެނެގަނެވުނު ކަމަށާއި އެ މީހުން ހައްޔަރުކޮށްގެން ޖަލަށް ވެސް ލި ކަމަށެވެ.
ނަމަވެސް އެ މީހުންގެ މައްޗައް ޝަރުއީ ކޯޓެއްގައި ސާބިތު ކުރާ ވަރަށް ހެކި ނެތުނީ ކަމަށާއި އެހެންވެ އެ މީހުން ދޫވީ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އަފްރާޝިމް މަރާލުމަށް ފަންޑު ކުރި މީހުންނަކީ، އެމްޑީޕީ ބަޔަކަށް ވިޔަސް، އެއީ އެމްޑީޕީގެ ލީޑަޝިޕުން ރާވައިގެން ކޮށްފައި އޮތް ކަމެއް ނޫންކަން ޔަގީންވާ ކަމަށާ، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ރާވައިގެން ކުރެއްވި ކަމެއް ނޫންކަމުގައެވެ.
"ރައީސް ޔާމީނާ އަފްރާޝީމް މަރަކާ ގުޅުމެއް ނެތް، އަޅުގަނޑު ތަހުގީގުގައި އެކަން ވަރަށް ރަނގަޅަށް ބެލި މީހެއް، އަދި އެމްޑީޕީއަކާ ވެސް ގުޅުމެއް ނެތް، އެކަމަކު ފަންޑު ކުރި މީހުން ގޮސް ގުޅެނީ އެމްޑީޕީއާ. އެއީ އެމްޑީޕީގެ ބަޔަކަށް ވިކަން، އެކަމަކު އެމްޑީޕީގެ ލީޑާޝިޕުން އެކަހަލަ ކަމެއް ނުކުރާނެކަން ޔަގީން،" އުމަރު ވިދާޅުވި އެވެ.
އަދި އަފްރާޝިމް ގަޔަށް ވަޅި ޖެހީ ހުމާމް ހެއްކާއި ޤަރީނާއިން ކަށަވަރު ކުރެވުނު ކަމަށް އުމަރު ވިދާޅުވިއެވެ.
"ދަ ކިލާ އިޒް ހުމާމް، އެއްވެސް ސުވާލެއް ނެތް ކަމެއް އެއީ، ދެން އޭގެ ފަހަތުގައި ތިބި ހުރިހާ އެންމެން ތޯތޯ ވާހަކަ ދެއްކި ދާނެ، އެކަމަކު އަޅުގަނޑުމެންނަށް އެއަށް ފަންޑު ކުރި މީހުންނާއި ރޭވި މީހުން ހައްޔަރު ކުރެވި ސުވާލު ކުރެވި އެ މީހުން ޖަލުގަ ބޭތިއްބި ހުރިހާ ކަމެއް ކުރެވިފައި އޮތީ،" އުމަަރު ވިދާޅުވި އެވެ.
އަފްރާޝިމް އާއި ރިލްވާންގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
އަދި ވެރިކަމުގެ ފުރަތަމަ ދުވަހު ޑރ އަފްރާޝީމް ފަދައިން މަރާލެވިފައިވާ މީހުންނަށާއި ރިޝްވާން ފަދައިން ގެއްލުވާލައިފައިވާ މީހުންގެ ހަޤީގަތް ހޯދާ ހާމަކުރާނެ ކަމަށް ރައީސް ޞާލިހު،  އިންތިހާބުގެ ކެމްޕޭން ދުވަސްވަރުގައި ވައުދުވެވަޑައިގެންނެވިއެވެ.
ނަމަވެސް އަދާހަމައަށްވެސް އެ މައްސަލަތަކުގެ ހަޤީގަތް ހޯދުމަށް ރައީސް ޞާލިހު ވަނީ ނުކުޅެދިފައެވެ.
ޑރ، އަފްރާޝީމް  ރަހުމު ކުޑަ ގޮތަކަށް މަރާލެވުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ