ވަޒީރުކަމުގައި ހުންނެވި އިރު އުމަރު ފިސްތޯލައެއް ހޯއްދަވަން އުޅުއްވި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިނިސްޓަރު ކަމުގައި ހުންނެވި އިރު ފިސްތޯލައެއް ހޯއްދަވަން އުޅުއްވި ކަން ދޭހަވާ ސިޓީއެއް މީސް މީޑިއާގައި އާންމު ވެއްޖެއެވެ.
މިނިސްޓަރު އުމަރު އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމަށް ފޮނުވި ކަމަށް ބުނާ ސިއްރު ސިޓީގައި ވަނީ އުމަރަށް ހަމަލާއެއް ދިނުމަށް ރޭވެމުންދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ކަނޑިން ހަމަލާއެއް ދީފިނަމަ އޭނާގެ ސެކިއުރިޓީންނަށް އެކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ސިޓީގައި ވެއެވެ.
އެހެންކަމުން ދެގޮތަކުން ކުރެ ގޮތަކަށް ކަންތައް ކޮށްދެއްވުމަށް އުމަރު، ނާޒިމްގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ. ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެއް ގޮތަކީ ހަތިޔާރު އެޅި ސިފައިންގެ ބޭކަލަކު އޭނާގެ ހަށިފާރަވެރިޔަކަށް 24 ގަޑިއިރު ބެހެއްޓުމެވެ. އަދި މިގޮތުން ބަހައްޓަވާ ސިފައިންގެ ބޭފުޅާ އަތުގައި ލިޔުމުން "ޝޫޓިން އޯޑަރ" އެއް އޮންނަންވާނެ ކަމަށް ވެސް ސިޓީގައި ވެއެވެ.
ދެވަނަ ގޮތެއް ކަމަށް އުމަރު ސިޓީގައި ވިދާޅުވެފައި ވަނީ އޭނާގެ އަތައް ފިސްތޯލައެއް ދޫކުރެއްވުމެވެ.
މިކަމަށް އަވަސް ފިޔަވަޅެއް އަޅުއްވައި ދެއްވުމަށް 2014 ވަނަ އަހަރުގެ ޖަނަވަރީ މަހު ފޮނުވި ކަމަށް ބުނާ ސިޓީގައިވެއެވެ.
މިސިޓީ އާއި ގުޅިގެން ޑިފެންސް މިނިސްޓްރީ އިން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ކަށަވަރެއް ނުވެއެވެ.
އަދި މިސިޓީ އަކީ ސައްހަ ސިޓީއެއްކަން އުމަރުގެ ފަރާތުން ވެސް ނުވަތަ ރަސްމީ އެހެން ފަރާތަކުން ވެސް މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ