ސުޕްރީމް ކޯޓުގެ ފުރާޅުން ސިފައިން ޓިނެއް ނުނަގާ: ޑިފެންސް މިނިސްޓަރު

ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތަނުގެ ތެރެއަށް ސިފައިން ނުވަންނަ ކަމަށާއި، ޓިނު ނެގިކަމަށް ދެކެވޭ ވާހަކަތައް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދޮގުކުރައްވައިފިއެވެ.
މިނިސްޓަރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައައްޔަރުކުރި ރޭ ކަންކަން ހިގައިދިޔަ ގޮތް ދުރުގައި ބަލަން ތިބި ބަޔަކަށް ނޭނގޭނެ ކަމަށާއި، ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަން މީހުންނަށް ނޭނގޭނެ ކަމަށެވެ. އަދި އެރޭ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން ސިފައިން ހަރަކާތްތެރި ނުވާ ކަމަށެވެ.
"ސިފައިން ހިންގި ކަމަށް ތުހުމަތުކުރާ އެހެން ކަމެެއް ވެސް އެބަ އޮތް. ސިފައިން އެތަނުގެ ޓިނު ނެގި ވާހަކަ. އެއީ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް. އެކަން ހިނގައިދިޔަ ގޮތެއް ނޫން އެއީ. ފުލުހުން އެތަނަށް ވަނީ އެހެންތަންތަނަށް ވެސް ރެއިޑް ކުރާ ގޮތަށް" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާއްމުންގެ ތެރޭގައި ދެކެވެނީ އެދުވަހު ކަންކަން ހިނގިގޮތުގެ ވާހަކައެއް ނޫން ކަމަށާއި، އެދުވަހު ސިފައިން އެތަނުގައި ތިބީ ކޯޓުގެ ސެކިއުރިޓީ ބަަލަހައްޓަން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އެތެރޭގައި ހިންގި ކަންކަން [ފަނޑިޔާރުން ހައްޔަރު ކުރަން] ހިންގުމަށްޓަކައި ސިފައިން ހަރަކާތްތެރި ނުވާކަމަށާއި، އެރޭ އެތަނުން ހައްޔަރު ކުރި މީހުން [އަބްދުﷲ ސައީދާ އަލީ ހަމީދު] ހައްޔަރުކުރީ ފުލުހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެރޭ ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް އެރިކަމަށެވެ. ނަމަވެސް އެއީ އެތަނުގެ ސަލާމަތަށް ކަމަށާއި، ތަނެއްގެ ސަލާމަތަށް ސިފައިން ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިނގި ކަންތައްތަކާއި ގުޅިގެން އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ ސިފައިންނަށެވެ. ސިފައިންނަށް ފާޑު ކިއުންތައް އަމާޒުވެގެން ދިޔައީ ސުޕްރީމް ކޯޓުގެ ފުރާޅަށް އަރާ ތިބި ފޮޓޯތަކެއް އާއްމުވުމާ ގުޅިގެން، ސުޕްރީމް ކޯޓު ތެެރެއަށް ސިފައިން ވަނީ ފުރާޅުން ޓިނު ނަގައިގެން ކަމަށް ބުނެއެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ