ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް، އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ނާޒިމް، ތިން އަހަރަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ނާޒިމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މިމަހުގެ ހަތަރުވަނަ ދުވަހު އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސަރުކާރުން ދިން ހުއްދައެއްގައި ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގަތީ 2015 ގައެވެ. ފަރުވާ ފުރިހަމަ ނުވާތީ އޭނާއަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިންވަނަ ފަހަރަށް އެ މުއްދަތު އިތުރުކޮށްނުދީ، ސަރުކާރުން މިދިޔަ އަހަރުގެ މާޗު މަހު ނާޒިމަށް އެންގީ 48 ގަޑިއިރު ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ. ނަމަވެސް އޭގެ ފަހުން ނާޒިމް އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
ރާއްޖޭން ބޭރުގައި ހުންނެވި ނާޒިމް ވަނީ ދާދިފަހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ކުރިން ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނާޒިމް ވަނީ އޭނާ ޖަލަށް ލާން އޯޑަރު ދިނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެކި ފަރާތްތަކުން ނަގަމުންދިޔަ ފައިސާތައް ބަރާބަރަށް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު އަމިއްލައަށް ވިދާޅުވި ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލު ވެސް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ދާދިފަހުން ނާޒިމް ވަނީ ވިދާޅުވެފައެވެ.
ކުރީގެ މެމްބަރު ނާޒިމް، އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ