މީހުން ހައްޖަށްދާން ދެއްކި ފައިސާ އެބަހުރި: ހައްޖު ކޯޕަރޭޝަން

ހައްޖަށް ދިއުމަށް އެއްކޮށް ފައިސާ ދައްކާފައިވާ މީހުން ހައްޖަށް ގެންދިއުމަށް ބޭނުންވާ ފައިސާ އެބަހުރިކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ޓްރާންސިޝަން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ 300 އެއްހާ މީހުން ހައްޖަށް ދާން ދެއްކި ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހައްޖު ކޯޕަރޭޝަނުން ބޭނުންކޮށްފައިވާ ކަމުގައެވެ. އަދި އެމީހުން ހައްޖަށް ގެންދާނެ ފައިސާ ކުންފުނީގައި ނެތް ކަމުގައެވެ.
ހައްޖު ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޖަށް ދިއުމަށް އެއްކޮށް ފައިސާ ދައްކާފައި ވަނީ 1817 މީހުން ކަމުގައެވެ. އަދި އެ މީހުން ހައްޖަށް ގެންދާނެ ފައިސާ އެ ކޯޕަރޭޝަނުގައި އެބަހުރިކަމަށް ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން މީހުން ހައްޖަށް ދިއުމަށް ދައްކާ ފައިސާ އެހެން ކަންކަމަށް ބޭނުން ނުކުރާ ކަށާއި އެ ފައިސާ ބަހައްޓާފައި ހުންނަނީވެސް ވަކި އެކައުންޓެއްގައިކަމަށް ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައިވަނީ ބުނެފައެވެ. އަދި ފައިސާ ދައްކާފައިވާ އެއްވެސް ފަރާތަކުން ހައްޖަށް ނުދެވިދާނެތީ ކަންބޮޑު ނުވުމަށްވެސް ކޯޕަރޭޝަނުންވަނީ އެދިފައެވެ.
ހައްޖު ކޯޕަރޭޝަނުންބުނީ މަލީޝާ ޖަމާއަތުގެ މަކަރުގައި ޖެހުނު މީހުންގެ ތެރެއިން ސަރުކާރުން އަންގައިގެން ގެންދިޔަ މީހުންނާއި ސަރުކާރުގެ ކުންފުނިތަކަކުން ފައިސާ ދައްކާ ގޮތަށް ހައްޖަށް ގެންދިޔަ ބަޔަކަށް ސަރުކާރުންނާއި އެ ކުންފުނިތަކުން އަދި ފައިސާ ނުދައްކާވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ