އެމްޑީޕީގެ ތަންތަނަށް ގެއްލުންދެނީ ކޮން ފަރާތަކުންކަން ބުނެދޭކަށް ނޭނގެ: މައުމޫން

ސަރުކާރާ އިދިކޮޅު އެމްޑީޕީގެ ފަރާތުން ބާއްވާ ޖަލްސާތަކަށް ހުރަސްއަޅައި އެ ޕާޓީގެ ތަންތަނަށް ގެއްލުން ދެމުންދަނީ ކޮން ބައެއްކަން ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރުފަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ، އެމްޑީޕީގެ ތަންތަނަށް ގެއްލުން ދެނީ ވަކި ފަރާތަކުން ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. ޔަގީނުންވެސް އެނގިވަޑައިގަންނަވަނީ އެކަން ކުރަނީ ޕީޕީއެމުން ނޫން ކަމަށާއި އެކަން ކުރާ ފަރާތަކީ ޕާޓީއަކަށް ނިސްބަތްނުވާ ބަޔަކަށްވެސް ވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
" ކަމެއް ކުރާ ބަޔަކީ ކޮން ބައެއްކަން ނޭނގެންޏާ އެމީހުން ކީއްވެގެން ކުރިކަމެއް ކަމެއް ވެސް ނޭނގޭނެ. އެއީ މިސާލަކަށް ކޮން ޕާޓީއެއްގައި ކޮން ޕާޓީއެއްގެ ބައެއް ކަމެއްވެސް ނޭނގޭނެ. އެއީ އެއްވެސް ޕާޓީއެއްގައި ނުހިމެނޭ ބަޔަކަށްވެސް ވެދާނެ ދެއްތޯ. އަޅުގަނޑު އެއްވެސް ފަރާތަކަށް ތުހުމަތު ނުކުރަން. ތަހްގީގު ކުރާ ފަރާތްތަކުން ތަހްގީގު ކުރައްވާފައި ވިދާޅުވާނެ އެއީ ކޮން ބައެއް ކުރި ކަމެއް ތޯ،" ޕީޕީއެމްގެ ރައީސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، އެމްޑީޕީގެ ތަންތަނަށް ގެއްލުން ދީފައި ވަނީ ޔަގީންނުންވެސް ޕީޕީއެމްގެ މެމްބަރުން ނޫން ކަމަށާއި ޕީޕީއެމްއަކީ ސުލްހައަށް ލޯބިކުރާ ޕާޓީއެއް ކަމަށެވެ.
" އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އެއީ ޕީޕީއެމްގެ ކަމެއް ނޫނޭ. އެކަން އަޅުގަނޑަށް ޔަގީން. އެއީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު ބައިވެރިވެގެން ކުރި ކަމެއްނޫން. އަދި ކުރާނެ ކަމެއްވެސް ނޫން. ޕީޕީއެމްގެ މެމްބަރުންނަކީ ސުލްހަވެރިކޮށް ކަންކަން ކުރިއަށް ގެންދަން ތިބި ބައެއް. އެކަމަށް ގޮވާލާ ބައެއް. އަޅުގަނޑުމެން ސިޔާސީ ހަރަކާތެއްގައި ބައިވެރިވިއަސް ބައިވެރިވާނީ ސުލްހަވެރިކަމާއެކީގައި. އަމަން އަމާންކަމާ އެކީގައި. ގާނޫނާއި ހިލާފަށް ކަމެއް ނުކުރާނަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމްޑީޕީގެ އޮފީހަށް ގެއްލުންދީ އެ ޕާޓީން އައްޑޫ ސިޓީ ބޭއްވި ޖަލްސާއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުރަސްއެޅުމާ ގުޅިގެން ޕީޕީއެމުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެމްޑީޕީން ވަނީ އެ ޕާޓީއަށް ގެއްލުންދެނީ ކޮން ބައެއްކަން ހޯދަދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ