ދެމިހުންނާނީ އިބޫ އާއި ނަޝީދާ އެކު: މެމްބަރު ލަތީފް

ކުރިއަށް އޮތްތަނުގައި ދެމި ހުންނަވާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގައި ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ޕީޕީއެމާ ގުޅިވަޑައިގެންނެވި ލަތީފް ވަނީ އިއްޔެ ރައީސް ނަޝީދު ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އިސްކޮށް، އުޅުއްވައިފަ އެވެ.
ލަތީފް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. މަޖިލީސް އިންތިޚާބަށް ވެސް ގުޅިފައިވާ ޕާޓީތަކުން އެކުގައި ވާދަކުރަން ނިންމާފައިވާތީ، އޭނާގެ ދާއިރާ އިން ވެސް ޕާޓިތަކުގެ ނިންމުމަށް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
"ކޯލިޝަންގެ ނިންމުމަށް އަޅުގަނޑު އިހުތިރާމު ކުރާނަން. އެގޮތަށް އަމަލު ކުރާނީ،" އެމްޑީޕީގެ ސަޕޯޓް، ބޮޑު ދިއްދޫ ތަމްސީލްކުރައްވާ މެމްބަރު ލަތީފް ވިދާޅުވި އެވެ.
ލަތީފާއި ނަޝީދު: ދިއްދު އަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އަރިހުގައި އިސްކޮށް އުޅުއްވީ ލަތީފް.--
މަޖިލީސް އިންތިޚާބަށް ނުކުމެވަޑައިގަންނަވާނީ އެމްޑީޕީގެ ޓިކެޓުގައިތޯ ސުވާލު ދެންނެވުމުން، ލަތީފް ވިދާޅުވީ އެ ޕާޓީ އަށް ސޮއި ނުކުރައްވަންވީ ސަބަބެއް ނެތް ކަމަށެވެ. އެކަމަކު ނުކުމެވަޑައިގަންނަވާނީ އެ ޕާޓީގެ ޓިކެޓުގައި ކަމެއް ސީދާ ވިދާޅެއް ނުވެ އެވެ.
ޕީޕީއެމްގައި ހުންނަވައި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވަން ފެއްޓެވުމުން، ގޮނޑި ގެއްލުވައިލި 12 މެމްބަރުންގެ ތެރޭގައި ލަތީފް ހިމެނެ އެވެ. ގޮނޑި ނުގެއްލޭ ކަމަށް ދޮޅު އަހަރަށް ފަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހު އެވެ. އެ މެމްބަރުން ގެންދަވަނީ ޕްރައިމަރީއަކާ ނުލައި އެ ދާއިރާތަކުގެ ޓިކެޓް ދިނުމަށް އެދެމުންނެވެ. އެކަން ވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ.
ލަތީފް، ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 2013 ވަނަ އަހަރު ވެރިކަން ކާމިޔާބު ކުރެއްވި ކޯލިޝަންގެ ކެންޑިޑޭޓް، ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖެނެރަލް އަހުމަދު ސަމީރާ ވާދަކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ