އެމްއެންޑީއެފްގެ މައިގޭޓުގައި ހިފާ ތެޅުވި މައްސަލައިގެ ތަހްޤީޤަކަށް އުމަރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

ޑީއާރުޕީން ބޭއްވި މުޒާހިރާއެއްގައި އެމްއެންޑީއެފްގެ މައިގޭޓުގައި ހިފާ ތެޅުވި މައްސަލައިގެ ތަހްޤީޤަކަށް ޑީއާރުޕީގެ ނައިބު ލީޑަރު އުމަރު ނަސީރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމަރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ ހުސްވި މަހުގެ 28 ވަނަ ދުވަހުގެ ރޭ ޑީއާރުޕީން ބޭއްވި މުޒާހިރާއަށްފަހު ސިފައިންގެ ގޭޓުގައި ހިފައި ތެޅުވި މައްސަލައާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.އުމުރު ނަސީރު ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވެވަޑައިގަތުމަށްފަހު އެތަނުން ނުކުމެވަޑައިގެންނަވަމުން ވިދާޅުވީ ސިފައިންގެ ކުރިމައްޗަށް އެއްވީ ކޮން ބައެއްތޯ ފުލުހުން ސުވާލުކުރުމުން އެތަނަށް އެއްވި ބައެއް އެނގިވަޑައިނުގެންނަވާ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ. ނަމަވެސް އެތަނަށް އެއްވި މީހުންގެ ތެރޭގައި އިސްކޮށް ހުންނެވީ އޭނާ ކަމަށާއި އަދިވެސް އެއްވާނެ ކަމުގައި ވިދާޅުވެފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ސިފައިންގޭގެ މައިގޭޓުގައި ހިފައި ތެޅުވީ ކީއްވެތޯ ފުލުހުން ސުވާލުކުރުމުން އޭނާ ހުންނެވީ އެ ގޭޓުގައި އަތް ލަތްވައިގެން ކަމަށާއި އެ ގޭޓަކީ ތެޅުވޭ ވަރަށް ވުރެ މާ ވަރުގަދަ ގޭޓެއް ކަމަށާއި އަދި ދެން ފަހަރަކުން ހުންނާނީ ގޭޓަށް އަރުއްވާ ކަމުގައި ވިދާޅުވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އެތަނަށް އެއްވީ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ ހޯއްދަވަން ކަމަށާއި އިސްތިއުފާ ނުދެއްވައިފިނަމަ ގަދަކަމުން ވެސް އިސްތިއުފާ ހޯއްދަވަން ކަމުގައި ވިދާޅުވެފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭ ދޮށަށާއި ފުލުހުންގެ މައިމަރުކަޒު ދޮށަށާއި ސިފައިންގެ ކުރިމައްޗަށް ޑީއާރުޕީން އެއްވެ މުޒާހިރާކުރި ރޭ ސިފައިންގެ މައިގޭޓުގައި ހިފައި ތެޅުވި މައްސަލަ ތަހްޤީޤްކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފައި ވަނީ ޑިފެންސް މިނިސްޓްރީން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.އެ ރޭގެ އެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި އުމަރު ނަސީރުގެ އިތުރުން، ޑީއާރްޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުންނާއި ސަރުކާރާ އިދިކޮޅު ބައެއް އާންމުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ