ޝޯވ ބާއްވަން ކަރަންޓު ކަނޑާލުމުން ފިލާވަޅު ދަސްކުރަން ޖެހުނީ ފުޅި ބައްތި ދިއްލައިގެން

މިރޭ އައްޑޫ ސިޓީ ފޭދޫގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލުމުގެ ސަބަބުން ކުރިމަތިވި ދަތިތަކަކާއި ގުޅިގެން ފޭދޫގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ފޭދޫ ރައްޔިތުންގެ ޝަކުވާތައް ބޮޑުވެގެން ދިޔައީ ރަށުގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލިއިރު ވެސް އެރަށުގައި މިރޭ ޝޯވ ބޭއްވި ސަރަހައްދުން ކަރަންޓު ކަނޑާލާފައި ނުވާތީއެވެ.
ފޭދޫގެ އާންމު ރައްޔިތުން އުޅޭ ގެތަކުން ކަރަންޓު ކަނޑާލާފައި ވާއިރު، އޭގެ ސަބަބުން އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވީ މާދަމާ އެސްއެސްސީ އިމްތިހާނަށް ފިލާވަޅު ދަސްކުރަމުންދާ ދަރިވަރުންނަށެވެ. ކަރަންޓު ކަނޑާލުމާއި ގުޅިގެން ބައެއް ކުދިން ފިލާވަޅު ދަސްކޮށްފައިވަނީ ފުޅިބައްތި ޖަހައިގެންނެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުނި ގޮތުގައި ފޭދޫގެ ހުރިހާ ސަރަހައްދުތަކުން މިއަދުގެ ހަވީރުން ފެށިގެން އެކި ގަޑިތަކުގައި ކަރަންޓު ކެނޑިގެން ގޮސްފައިވާ ކަމަށާއި އެހެން ނަމަވެސް ޝޯވ ބޭއްވުމަށް ބަނދަރުމަތީ ސަރަހައްދުން ކަރަންޓު ކެނޑިފައި ނުވާ ކަމަށެވެ.
" އަޅުގަނޑުމެންނަށް ވެސް އެނގޭ ކަރަންޓު ކަނޑަނީ އިންޖީނެއްގެ މައްސަލަ ޖެހިގެން ކަން. ސުވާލަކީ ހަމައެކަނި ގެތަކުން ހޭ ކަނޑަންވީ. ބަނދަރު މަތީގައި އެ ޝޯވ ބާއްވާ ތަނުން އެންމެ ގަޑިއަކުވެސް ނުކެނޑޭ ކަރަންޓެއް" އޭނާ ބުންޏެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މިރޭގެ ބައެއް ވަގުތު ތަކުގައި ފޭދޫގެ ބައެއް ސަރަހައްދުތަކުން ބައިގަޑިއިރަށް ކަރަންޓު ކަނޑާލާފައި ވެއެވެ. ފޭދޫގެ އެއްވެސް ހިސާބަކުން ކަރަންޓު ކަނޑާލާފައި ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް ޑިރެކްޓަރ ޒުހެއިރު ވިދާޅުވެފައިވި ނަމަވެސް އެވާހަކަތައް ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުން ދޮގު ކުރެއެވެ.
މުވައްޒަފުން ބުނާގޮތުގައި ފޭދޫގައި ޝޯވ ބާއްވާ ސަރަހައްދުން ކަރަންޓު ކަނޑާނުލުމަށް ސީދާ ޒުހެއިރު މިއަދު އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މައްސަލައަކީ ޝޯވ ބޭއްވުމެއް ނޫން. ކަރަންޓަކީ އަސާސީ ޚިދުމަތެއް މިކަން ފުރިހަމަކޮށް ނުދީ މިތަނަށް އައިސް ހަވާ ފަޓާސް އަރުވާނެ ކަމެއް ނެތް." 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ދަރިވަރަކު ބުންޏެވެ.
އެެހެން ދަރިވަރަކު ބުނި ގޮތުގައި، އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ދުވަސްވަރެއްގައި ޙާއްސަގޮތެއްގައި ރޭގަނޑުގެ ގަޑިތަކުގައި ކަރަންޓު ކަނޑާލަން ނުޖެހޭނަ ފަދަ ގޮތަކަށް ކަންތައް ރާވަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ