އަޅުގަނޑުމެން މިތިބީ އިލެކްޝަން ކޮމިޝަނާއި ހަނގުރާމައަކަށް ނޫން - ގާސިމް

ޖުމްހޫރީ ގުޅުމުން ތިބީ އިލެކްޝަންސް ކޮމިޝަނާއި ނުވަތަ ސިޔާސީ ޕާޓީއެއްގެ ވަކި ބޭފުޅަކާއި ހަނގުރާމައަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުން އުޅެނީ ވަކި ބޭފުޅަކާއި އަޅައިގަނެގެން ނެއްޓިގެން ނޫން ކަމަށާއި ޖުމްހޫރީ ގުޅުމުން މަގުމައްޗަށް ނިކުންނަނީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަކީ ގޯސްކޮށް ބޭއްވި އިންތިހާބެއްކަން ބައިނަލްއަގުވާމީ މުޖުތަމައުއަށާއި ރާއްޖޭގެ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
"މިކަން ރަނގަޅުކޮށްދޭން ބޭނުންވާތީ، އެއީ މުސްތަގުބަލުގައި މިކަން ރަނގަޅުކުރުމަށްޓަކައި، މިސާލަކަށް މާދަމާ މީގެ ސަތޭކަ އަހަރު ކުރިން މަރުވެފައި ތިބި މީހުން ލިސްޓުގައި ޖަހާފައި ބަޔަކު ގޮސް ވޯޓުތައް ފޮށިތަކަށް އަޅަން ފެށީމަ، އެއީ ކޮން ބޭފުޅަކަށް ވިޔަސް އެވާހަކަތައް ނުދައްކާ ތިބެންވީ ކީއްވެތޯ؟" ގާސިމް ސުވާލުކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓް އަލުން ގުނައިދިނުމަށް ޖުމްހޫރީ ގުޅުމުން މިއަދު އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ގާނޫނާ ގަވައިދުގައިވާ ގޮތަށް ވޯޓު ގުނައިދިނުން އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެއީ ކޮމިޝަނުން ކޮށްދެއްވަންޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.
ސިޔާސީ ޕާޓީ އަކުން ވަކި ބަޔަކަށް "ބާޣީ" އަށް ގޮވާ އިސްލާމްދީނާ ހިލާފު އެތައް އަމަލެއް ހިންގާފައިވާ ކަމަށާއި އެޕާޓީއަށް އެމައްސަލައިގައި އެއްވެސް ސިޓީ އެއް އިލެކްޝަނުން ނުފޮނުވާ ކުއްލިއަކަށް "ލާދީނީ" އޭ ކިޔުމުން ކޮމިޝަނުން ސިޓީއެއް ފޮނުއްވާފައިވާތީ އެމައްސަލައިގައި ކޮމިޝަނުގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ނަމަވެސް އިލެކްޝަނުން ތިބީ އެއް ފަރާތަކަށް ޖެހިފައި ނޫން ކަމަށް ވިދާޅުވާން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރުއީ ކޯޓްތަކަށާއި ފަނޑިޔާރުންނަށް ގާސިމް ވިދާޅުވީ އިންތިހާބާއި ގުޅޭ މައްސަލަތައް ނިންމުމަށް ގާނޫނީ ގޮތުން ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާތީ ކޯޓް ތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމައިދީ ހައްގާ އިންސާފު ހޯދައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ