ބޮއިކޮޓް ކުރާ ވާހަކަ ދައްކަނީ ރިޔާސީ ބަހުސުން ރެކެން - ނާފިޒު

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ޗެނަލްތައް ބޮއިކޮޓް ކުރާ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ރިޔާސީ ބަހުސްގައި ބައިވެރި ނުވުމަށް ކަމަށް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ބުނެފި އެވެ.
ޖުމްހޫރީ ގުޅުމުން ޓީވީއެމް ބޮއިކޮޓް ކުރަން ޖެހިދާނެ ކަމަށާއި ޓީވީއެމް ބޮއިކޮޓް ކުރުމާއި ބެހޭގޮތުން މިހާރު މަޝްވަރާތައް ކުރިއަށްގެންދާކަން އެ ގުޅުމުން އިއްޔެ ވަނީ ހާމަކޮށްފައެވެ.
ޓީވީއެމްއާ މެދު ޖުމްހޫރީ ޕާޓީން ހިތްހަމަނުޖެހުން ފާޅުކުރީ ބުރާސްފަތި ދުވަހުގެ ރޭ ޓީވީއެމުން ގެނެސްދިން "ސިޔާސަތު" ޕްރޮގްރާމްގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމްއާއި މެދު ޒާތީ ސުވާލުތަކެއް ކުރުމުންނާއި އެ ޕްރޮގްރާމުގައި ގާސިމާއި މެދު ކަންތައްކުރި ގޮތުން ކަމަށް ބުނެ އެވެ.
މިއަދު ރާވެރިޔާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ކޯލިޝަންގެ ސްޕޯކްސް ޕާސަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މިހާރަކަށް އައިސް ބައެއް ނޫސް ޗެނަލުތައް ބޮއިކޯޓުކުރަން މަސައްކަތްކޮށް އެތަންތަނަށް ފާޑުކިޔުންތައް އަމާޒުވެގެންދާ ކަމަށެވެ.
ނާފިޒް ވިދާޅުވީ ނޫސްވެރިންނާއި ޕްރެޒެންޓަރުންގެ ފާޑުކިޔުންތައް ހަޖަމްނުކުރެއްވޭ ބޭފުޅުން އަދި ސިޔާސަތުތައް ހާމަކުރައްވަން ފަސްޖެހިވަޑައިގަންނަވާ ބޭފުޅުން ރައްޔިތުން ކައިރި އަށް ވޯޓު ހޯއްދެވުމަށް ވަޑައިގަތުމުގެ ހައްގު އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުން މީޑިއާ ބޮއިކޮޓްކުރާ ނަމަ އިންތިހާބުގައި މީޑިއާގެ ދައުރު ފަނޑުވެގެން ހިނގައިދާނެ ކަމަށާއި ގައުމައިގެން ކުރިއަށް ކޯލިޝަނުން އެ ގޮތަށް ނޭދޭ ކަމަށެވެ.
އަދި ހުރިހާ ބޭފުޅުން ވެސް މީޑިއާ އިން ލިބިފައިވާ ފުރުސަތުތައް ބޭނުންކުރައްވައިގެން ސިޔާސަތުތައް ހާމަކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓީވީއެމްއިން ރިޔާސީ ބަހުސްއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަން އެޗެނަލުން މީގެކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ