ގާސިމް ޖޭއެސްސީން ވަކިވެފައިވާކަން މަޖިލީހުގެ ރައީސް އަންގަވައިފި

މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އެމަނިކުފާނު މިހާރު ވަކިވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފި އެވެ.
މިކަން އަންގަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ރައީސުލްޖުމްހޫރިއްޔާއަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްއަށާއި އަދި ގާސިމަށް ފޮނުއްވި ސިޓީފުޅެއްގައި އެވެ.
މި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި، އެ ކޮމިޝަނުގައި ހިމެނޭ މެންބަރަކު، ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަޤާމަކަށް ކުރިމަތިލައިފި ނަމަ އެ މެންބަރެއްގެ އެ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ހުސްވެއްޖެ ކަމުގައި ބެލެވޭނެ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ގާސިމް އިބްރާހީމް ކުރިމަތިލައްވާފައިވާ ކަމާއި، އެ މަނިކުފާނުގެ ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ޤާބޫލުކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ވެސް މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ