ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް އާއި ދެކޮޅަށް ފުލުހުން ވަނީ ހެކި އުފައްދާފައި ކަމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު ވިދާޅުވީ ފާރިސް މައުމޫންގެ ފޯނުގެ ފޮރެންސިކް އެނަލިސިސް ރިޕޯޓުން އެކަން ވަރަށް ރަނގަޅަށް ހާމަވާން އެބައޮތް ކަމަށާއި އެކަމާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގަ އެވެ.
ފާރިސް މައުމޫނުގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތާއި ގުޅިގެން، ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފުލުހުން ފާރިސް އާއި ދެކޮޅަށް ހެކި އުފައްދާފައިވާކަން ފާރިސް މައުމޫންގެ ފޯނުގެ ފޮރެންސިކް އެނަލިސިސް ރިޕޯޓުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
މިގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ފޯނު ގެންގޮސްފައި ވަނީ ފަހެއް ޖޫންގައި ކަމަށާއި، އެހެން ނަމަވެސް ފާރިސްގެ ފޯނުން ލިބިފައިވާ ހެކީގެ ގޮތުގައި އެރިޕޯޓްގައި ބަޔާން ކޮށްފައިވާ، ސްކްރީން ޝޮޓްތަކާއި، މެސެޖްތަކަކީ، ފުލުހުންގެ ބެލުމުގެ ދަށުގައި އެފޯން އޮއްވައި ލިބުނު ތަކެތި ކަމަށެވެ. އެހެން ކަމުން އެތަކެއްޗަކީ ފާރިސްއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެކި ކަމުގައި ގަބޫލުނުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ ފާރިސް މައުމޫންގެ ފޯންގެ ފޮރެންސިކް އެނެލެސިސް ރިޕޯޓް ފުލުހުންގެ ތަހުގީގު ޑިޕާޓްމަންޓުންމާއި، ޕީޖީންވެސް ބަލައިގެންފައިވާއިރު، ރިޕޯޓުގައިވެސް ގިނަ މަސައްލަތައް ހުރި ކަމަށެވެ. މިގޮތުން ފާރިސްގެ ފޯނު ޖޫން ފަސްވަނަ ދުވަހު އަތުލި އިރު އެފޯނު، ފޮރެންސިކް އެނެލެސިސްއަށް ހަވާލުކޮށްފައި ވަނީވެސް އޭގެ އެއްއަހަރުގެ ކުރީގެ ތާރީޚެއްގައި ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ 18 ޖުލައިގައި ފާރިސް ހައްޔަރު ކުރަން އަމުރު ނެރުނީ، އެފޯނުން ލިބުނު މައުލޫމާތުގެ މައްޗަށް ކަމަށް ވާއިރު ފޯނުގެ ފޮރެންސިކް އެނަލިސިސް ރިޕޯޓް ނިމިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ އަށްވަނަ ދުވަހު ކަމުން އެކަމުގައިވެސް ސުވާލު އުފެދޭ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ދައުވާ ކުރަނީ ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުކޮށް ނަަމަވެސް ދައުވާގައި ހަވާލާދީފައި ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާއަށް ބަލާއިރު އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށް ކަމަށެވެ. އަދި ވިދާޅުވީ ފާރިސް މައުމޫން ހައްޔަރުކޮށް 50 ދުވަސް ވެގެން ދިޔައިރު އެކަމާއި ގުޅިގެން ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ހުށައަޅާފައިވާ ސިޓީތަކަށްވެސް ޖަވާބެއް ނުލިބި ވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމުގަ އެވެ.
މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމަށް ބުނެ ފާރިސް ދިރިއުޅުއްވާ ގެކޮޅު ބަލައި ފާސްކޮށް ފާރިސް ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. މި މައްސަލާގައި ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލްކޮށް ފާރިސް ބަންދުން ދޫކޮށްލުމުގެ ވަގުތީ އަމުރަށް ހައިކޯޓްގައި ވަނީ އެދިފަ އެވެ.
ހައިކޯޓްގައި އިސްތިއުނާފް ކުރި ފާރިސްގެ މައްސަލައިގެ އަޑުއެހުންތައް ނިންމަލިތާ މިއަދަށް 27 ދުވަސް ވީ އިރުވެސް އެ މައްސަލާގައި ހުކުމް ކުރުން ލަސްވަމުންދާތީ ފާރިސްގެ ގާނޫނީ ވަކީލުންނާއި އާއިލާ އަދި ސިޔާސީ ލީޑަރުންނާއި އާއްމުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގާނޫނުލް އުގޫބަތުގައިވާ ގޮތުން މައްސަލައެއްގެ އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެ އެވެ.
ފާރިސް އާއި ދެކޮޅަށް ފުލުހުން ވަނީ ހެކި އުފައްދާފައި: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ