ނ. އަތޮޅާއި ށ. އަތޮޅަށް ބޭނުންވާ އިރުގެ އަލިން ކަރަންޓް އުފެއްދުމުގެ ނިޒާމު ގާއިމުކުރުމަށް ޗައިނާގެ ސައިނޮމިކް އިންޓަނޭޝަނަލް ސަންގްރޯ - ޖޮއިންޓް ވެންޗާއާ ހަވާލުކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. ސައިނޮމިކް އިންޓަނޭޝަނަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބް ރައީސް ޒިޔާއޯ ޒިއަން ޑޮން އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ތަރައްގީކުރެވިފައިވަނީ ރޭވުންތެރިކަމެއްނެތި ކަމަށްވާތީ ގިނަ ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުތައް މިހާތަނަށް އައިއިރު ވަނީ ވަރަށް ދަށް ފެންވަރެއްގައި ކަމަށެވެ. އެހެންކަމުން މިސަރުކާރުން ރައްޔިތުންނަށް ޔަގީން ކަމާއެކު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނިޒާމުތައް ރަގަނޅު ފެންވަރަކަށް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އަދި މިނިޒާމުތައް ބަދަލުކުރުމުގެ ތެރޭގައި ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ހައިބްރިޑް ސިސްޓަމްތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މިގޮތުން ހިންގާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ރަށެއްގައި 2.5 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމުތައް ގާއިމްކުރެވި އެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފަށާފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ. މިމަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހއ. އަދި ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 27 ރަށުގައި 4.57 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވިފައިވަނީ މި މަޝްރޫއުގެ ތިންވަނަ ފިޔަވަހީގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ކުރުމަށް ކަމަށެވެ. މި ފިޔަވަހި އަމާޒުކުރެވިފައިވަނީ ށ. އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށެވެ. މިގޮތުން މިރަށްރަށުގައި 2.86 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 29 ޖަނެރޭޓަރު (4.86 މެގަ ވޮޓް) އާއި، 2.86 މެގަވޮޓް އަވަރގެ ބެޓެރިއާއި، 10 ކިލޯމީޓަރުގެ ކޭބަލާއި، 24 އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑް އަދި 62 ޑިސްޓްރިބިއުޝަން ފޮށި ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްތައް ވެސް މިރަށްރަށުގައި ގާއިމުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން އިތުރަށް ބުނީ މިސަރުކާރުގެ ފުރަތަމަ ދައުރު ނިމިގެންދާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް ދާނެ ކަމަށާއި މީގެ އިތުރުން ހަކަތަ އިސްރާފުވުން ކުޑަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގައި ބަހައްޓާފައިވަނީ އެންމެ ދެ މެގަވޮޓާ އެއްވަރުގެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ކަމަށާއި އެކަމަކު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފައްދާ މިންވަރު ވަނީ 6 މެގަ ވޮޓަށް އިތުރުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދެ އަތޮޅެއްގައި އަވިން ކަރަންޓް އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ