ޕާލަމެންޓް އުވާލަން ރައީސް ނެރުއްވީ ޣައިރުގާނޫނީ އަމުރެއް: ސްރީލަންކާ ސުޕްރީމް ކޯޓު

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ޕާލަމެންޓް އުވާލައްވަން ނިންމެވި ނިންމެވުމަކީ ޣައިރުގާނޫނީ ނިންމެވުމެއް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި ހުކުމްކޮށްފިއެވެ.
ރައީސް ސިރިސޭނާ ޕާލަމެންޓް އުވާލެއްވި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ އެގައުމުގެ ސިޔާސީ ޕާޓީތަކުންނާއި، މަދަނީ ޖަމްއިއްޔާތަކުންނާއި، އާންމު ބައެއް ފަރުދުންނެވެ.
އުއްތަމަ ފަނޑިޔާރު ނަލިން ޕެރޭރާ ހިމެނިވަޑައިގަންނަވާގޮތުން އެކުވަލާވާފައިވާ ހަތް ފަނޑިޔާރުންގެ ބެންޗުން މިމައްސަލަ ބެލުމަށްފަހު، ބެންޗުގެ އިއްތިފާގުން މިއަދު ނެރުނު ހުކުމުގައި ބުނެފައިވަނީ، މިހާރުއޮތް ޕާލަމެންޓް އިންތިޚާބު ކުރެވުނުތާ ހަތަރު އަހަރާއި ބައި ނުވަނީސް ރައީސަށް ޕާލަމެންޓް އުވާނުލެއްވޭނޭ ކަމަށެވެ.
ޕާލަމެންޓް އުވާލައްވަން ނިންމެވި ނިންމެވުން ޣައިރުގާނޫނީ ކަމަށް ކަނޑައެޅުމުގެ އިތުރުން، އަވަސް އިންތިޚާބަކަށް ރައީސް ގޮވާލެއްވުންވެސް ޣައިރުގާނޫނީ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ.
ސުޕްރީމް ކޯޓުގެ މިހުކުމުގެ ސަބަބުން، ސްރީލަންކާގެ ރައީސް ސިރިސޭނާއާއި، އޭނާ ބޮޑުވަޒީރުކަމުން ދުރުކުރެއްވި ރަނިލް ވިކްރަމަސިންހައާ ދެމެދު ހިނގަމުންދާ ސިޔާސީ އަރާރުންތަކުގައި ސިރިސޭނާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވެވަޑައި ގަންނަވާނެއެވެ.
ރައީސް ސިރިސޭނާ، ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކުރައްވާފައިވަނީ އޮކްޓޫބަރުމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހުވަނީ ބޮޑުވަޒީރު ކަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްކުރައްވާފައެވެ.
ރައީސް މައިތުރިޕާލަ ސިރިސޭނާ އެގައުމުގެ ޕާލަމެންޓް އުވާލެއްވީ މިދިޔަ ނޮވެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ސްރީލަންކާގެ ސުޕްރީމް ކޯޓުންވަނީ ޕާލަމެންޓް އުވާލައްވަން ރައީސް ނެރުއްވި އަމުރު ވަގުތީގޮތުން ސަސްޕެންޑް ކޮށްފައެވެ. އެއީ، ކޯޓަށް ހުށަހެޅުނު މައްސަލަތައް ބަލައި ނިމެންދެނެވެ.
އޭގެފަހުން، ޕާލަމެންޓްގެ ޖަލްސާތައް އަލުން ފަށައި، މިހާތަނަށްވަނީ ރައީސް ސިރިސޭނާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި މަހިންދަ ރާޖަޕަކްސަގެ އިތުބާރުނެތްކަމަށް ދެފަހަރަށް ފާސްކޮށްފައެވެ.
ޕާލަމެންޓް އުވާލެއްވި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގެ ސަބަބުން، ސްރީލަންކާގެ އާންމު އިންތިޚާބު ދެން އޮންނާނީ މިހާރުވެސް ތާވަލްކޮށްފައި އޮތްގޮތަށް 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ.
225 މެމްބަރުން ހިމެނޭ ޕާލަމެންޓްގައި އަޣުލަބިއްޔަތުއޮތީ ބޮޑުވަޒީރުކަމުން ދުރުކުރެވުނު ރަނިލް އިކްރަމަސިންހައަށް ކަމުން، އޭނާ އަލުން ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމަށްވެސް ބެލެވިފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއެކު، ރަނިލް ވިކްރަމަސިންހަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޯޓުތަކުގެ ހުކުމްތަކަށް ސިރިސޭނާ އިހްތިރާމް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ