މައުމޫން އަރިހުގައި އަޅުގަނޑުވެސް ޖަލުގައި ބަންދުކޮށްދެއްވާ: ނަސްރީނާ އިބްރާހިމް

ރައީސް މައުމޫން ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދެއްވަން ކެރިވަޑައިނުގަންނަވާނަމަ ރައީސް މައުމޫން އަރިހުގައި ޖަލުގައި ބަންދުކޮށްދެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ ފުލުހުންގެ އިދާރާ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބުދުﷲ ނަވާޒަށް ފޮނުއްވެވި ސިޓީއެއްގައެވެ.
މި ސިޓީގައި ނަސްރީނާ ވިދާޅުވީ ރައީސް މައުމޫނަކީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާރޓިގޯ (އަނބުރާ ގޮތްވުމުގެ) ބަލި ތަހަންމަލުކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށާ އެކަމުގެ ސަަބަބުން ވަރަށް ގިނަ އުދަނގޫތައް އެމަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވަމުން ގެންދަވާކަމަށެވެ. ޚާއްސަކޮށް ގިނިކަންޏާ އެގޮތަށް ޖަލުގައި ހުންނެވުމަކީ ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެކަމެއްކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅަށް ބެއްލެވުމަށްފަހު އެމަނިކުފާނު ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ނަސްރީނާ ވަނީ އެދިވަޑައިގެންފައެވެ. އަދި އެކަމަކީ ފުލުހުންނަށް ކުރެއްވޭނެ ކަމެއްކަމަށްވެސް ނަސްރީނާ ވިދާޅުވެފައިވެއެވެ. އެކަށް ކޮށްދެވެެން ނެތްނަމަ ރައީސް މައުމޫނަށް ކޮށްދެއްވަންޖެހޭ ކަންކަން ކޮށްދެއްވުމަށްޓަކައި އެމަނިކުފާނުގެ އަރިހުގައި ޖަލުގައި ބަންދުކޮށްދެއްވުމަށް ނަސްރީނާ ވަނީ ފުލުހުންގެ އިދާރާގައި އެދިވަޑައިގެންފައެވެ.
ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ސީރިއަސްވުމާއި ގުޅިގެން ރޭގެ ވަގުތެއްގައި ފުލުހުންގެ އެންގުމަކަށް ނަސްރީނާ ވަނީ ޖަލަށް ވަޑައިގެން ރައީސްގެ އަރިހުގައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
އެކަމަނާ ވަނީ ފިރިކަލުން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެން ކްރިމިނަލް ކޯޓްގައިވެސް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
ފުލުހުންނާއި ޕީޖީއަކީވެސް ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ހާލުކޮޅު ބެލެހެއްޓޭނެ އަދި ބަލަހައްޓާނޭ ބައެއްކަމަށްވެސް ގަބޫލުފުޅުނުކުރައްވާ ކަމަށް ނަސްރީނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް މައުމޫންގެ އުމުރުފުޅާއި، ސިއްޙީހާލުކޮޅަށް ރިއާޔަތް ކުރައްވައި އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ނަސްރީނާ ވަނީ ކްރިމިނަލް ކޯޓްގައި އެދިވަޑައިގެންފައެވެ. އަދި ރައީސް މައުމޫންގެ މައްޗަށް އުފުލިފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރުވެސް މުރާޖައާކޮށްދެއްވުމަށް ނަސްރީނާ ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މައުމޫންގެ ހާލުކޮޅު ރޭ ސީރިއަސްވީނަމަވެސް ޑޮކްޓަރަކަށް ދައްކާފައިނުވާކަށް އާއިލާއިން މިއަދު ވަނީ ބުނެފައެވެ.
ރައީސް މައުމޫން ޖަލުގައި ނުބަހައްޓަވާ އާއިލާ ކައިރިއަށް ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސް މައުމޫންގެ ބޭފުޅުންވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ. އެގޮތުން ރައީސް މައުމޫންގެ ދެ ދަރިކަނބަލުންކަމަށްވާ ދުންޔާ މައުމޫނާއި، ޔުމްނާ މައުމޫން ވަނީ ކަމާބެހޭ މުއައްސަސާތަކުގައި އެކަމުގައި އާދޭސް ދަންނަވާފައެވެ.
ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫންވެސް ޖަލުގައި ބަންދުކޮށްފައިވާއިރު، ރައީސް މައުމޫނާއިމެދު އަމަލުކުރާގޮތާއިމެދު ހަގު ދަރިކަލުން ޢައްސާން މައުމޫން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ގެންދަވަނީ ބޮޑުބޭބޭގެ ސަރުކާރު ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ