އެއްވެސް މައްސަލައެއްނެތް ސާފު ނަމެއް ހުށަހެޅުމަށް ގާސިމް އިބްރާހިމް ގޮވާލައްވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއްވެސް މައްސަލައެއް ނެތް ސާފު ނަމެއް ހުށަހެޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ އެއް ކެންޑިޑޭޓް ނެރުމުގެ މައްސަލާގައި އެމަނިކުފާނާއި އަދި ޖުމްހޫރީ ޕާޓީއަށް ޤަބޫލުކުރެވޭ ޝުޢޫރުތައް ގުޅިފައިވާ އިއްތިހާދުގެ ކޯލިޝަން ބައިވެރިންނާ ހިއްސާ ކުރެއްވުމުގެ ގޮތުން މިރޭ ނެރުއްވި ބަޔާނެއްގައެވެ.
ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ މިއަދުގެ ހާލަތުން އެއްވެސް ރިސްކެއް އޮތް ޕެއަރއެއް ގުޅިފައިވާ ޕާޓީތަކުން ނެރުމަކީ ޖުމްހޫރީ ޕާޓީއަށް ޤަބޫލު ކުރެވޭކަމެއް ނޫންކަމަށެވެ.
ޖުމްހޫރީ ޕާޓީއާއި އެމަނިކުފާނުވެސް ހުންނެވީ ސާފު ޕެއަރއެއް ނުވަތަ ޕެއަރތަކާ ގުޅޭގޮތުން އެކުގައި މަޝްވަރާކޮށް ކުރިއަށްދާން ތައްޔާރަށް ކަމަށް ޖޭޕީގެ ލީޑަރ ވިދާޅުވެފައި ވެއެވެ. ހަމަ އެއާއެކު މަޝްވަރާތަކަށް އެމް.ޑީ.ޕީންވެސް ހުށަހަޅަންވާނީ ފުލުސް އޮފީހުގައި ތަހްޤީޤެއްނެތް، ޕީޖީ އޮފީހުގައި ފައިލްކޮށްފައިވާ މައްސަލައެއްވެސް ނެތް، އެއްވެސް ކޯޓެއްގައި މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓިޒެންޝިޕްކަންވެސް ނެތް ނަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.
"މިހެން މިދަންނަވަނީ އަޅުގަނޑުމެންނަށްވެސް ލިބިފައިހުރި މައުލޫމާތުތައް ދިރާސާކޮށްފައި އަޅުގަނޑުމެންމެންގެ ސަލާމަތާ ރައްކާތެރިކަމާ ރައްޔިތުންގެ ކާމިޔާބަށްޓަކައި. ޕީޖީ އޮފީހުގައި ފައިލްކުރެވުނު ބައެއް ބޭފުޅުންގެ މައްސަލަތައް އަލުން ކޯޓަށް ފޮނުވުނުކަންވެސް ތިޔަ ހުރިހައި ބޭފުޅުން ހެކިވާނެ" ގާސިމް އިބްރާހިމް ވިދާޅުވެފައި ވެއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ސާފު ޕެއަރއެއް ނިންމުމުގެ މަޝްވަރާއާއިއެކު ގުޅިގެން، ސަރުކާރާއި މަޖިލިސް ހިއްސާކުރާނެ ގޮތެއްވެސް ނިންމަން އެދިވަޑައިގަންނަވާ ކަމަށާއި ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަކާއެކުވެސް އަދި އަމިއްލަ ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ އެކުވެސް މަޝްވަރާކޮށްގެން ޙައްލު ހޯދަން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށް ގާސިމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"އަޅުގަނޑުމެންނަށް ރައްޔިތުންގެ އިހްސާސް ކޮންމެ ސިކުންތަކުވެސް އިހްސާސްވެއެވެ. ކަންކަން އަވަސްކުރަންވެސް ނުލާހިކު ހިތްއެދެއެވެ. ނަމަވެސް، އެނގިތިބެ ވަޅުގަނޑަކަށް ފުންމާލުމަށްވުރެ ހުރަސްތައް ގިރާކޮށް ރައްޔިތުންނާއި ގައުމު މިނިވަންކަމުގެ މަންޒިލަށް ގެންދިއުން މުހިންމުކަން ޤަބޫލު ކުރެވެއެވެ" ބަޔާނުގައި ވެއެވެ.
ރިސްކު އޮތް ނަންތަކެއް ހުށަހަޅަން އަޅުގަނޑުމެން އެންމެނަށް ގަބޫލު ކުރެވޭނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް މައުމޫން، ނާއިބު ރައީސް ކަމަށް ރައީސް ނަޝީދު، މަޖިލީހުގެ ރައީސަކަށް ގާސިމް އިބްރާހީމް، މަޖިލީހުގެ ނައިބު ރައީސްކަމަށް އިބްރާހީމް މުހަންމަދު ސާލިހު، ހޯމް މިނިސްޓަރަކަށް ޝެއިޚު އިމްރާން، ޑިފެންސް މިނިސްޓަރަކަށް ކާނަލް ނާޒިމްގެ ނަން ނިންމައި ކުރިއަށްދާންވީ ނޫންތޯ، ގާސިމް ސުވާލު ކުރައްވާފައި ވެއެވެ.
"ޔަޤީނުންވެސް ތާޢީދު ލިބޭނެއެވެ. ނަމަވެސް ހިތާމައަކީ އަދުގެ ހާލަތު ބަދަލެއް ނުކުރެވޭނެ ކަމެވެ. މި ހަޤީޤަތް ޤަބޫލު ކުރަން ކިތަންމެ ދަތިވިޔަސް މިއީ މިއަދުގެ ޙާލަތެވެ. ބައެއް ޤައުމުތަކުގައި ލީޑަރުންގެ ޑްރައިވަރަށް ކެންޑިޑޭޓްކަން ދީގެންވެސް ޙާލަތު ބަދަލު ކުރީ އެކަންވާން އޮތީ އެގޮތަށް ކަމަށް ވީތީ ނޫންތޯއެވެ! ސާފު ޕެއަރއެއް ކުރިމަތިލުމުންވެސް ގޯނާ ކުރާނެއެވެ. އެހެނަސް އޭގެ 2 ޕެއަރ ލުމުން އަޅުގަނޑުމެންނަށް ސަލާމަތް ހޯދުމަށް އޮންނަ ޕްރޮބެބިލިޓީ ބޮޑު ކަމަށް އަޅުގަނޑުމެނަށް ޤަބޫލު ކުރެވެއެވެ" ބަޔާނުގައި ވެއެވެ.
މިއަދާ ހަމައަށް އައިއިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމް އެމް.ޑީ.ޕީ. ނޫން ބަޔަކަށް ހައްޤުކަމަށް އެމް.ޑީ.ޕީއަށް. ޤަބޫލެއް ނުކުރެވޭ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ދައްކަން ހުށަހަޅާ ވާހަކަވެސް ޤަބޫލު ކުރާތަން ފެނިވަޑައި ނުގަންނަވާކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ. އެއްވެސް ތަޙުޤީޤެއް، ދަޢުވާއެއް އޮތް ނަމެއް ނިންމައިގެން ދިއުމެކޭ ރައީސް މައުމޫނާއި ރައީސް ނަޝީދުއާއި، ޤާސިމް އިބްރާހީމްއާއި، ޝެއިޚު އިމްރާންގެ ނަން ހިފައިގެން ދިއުމެކޭ މާބޮޑު ތަފާތެއް ނެތްކަމަށް ވިދާޅުވެފައި ވެއެވެ. މިދިޔަ ދުވަސްތަކުގައި އެންމެނަށް ފެނުނު މަންޒަރުން މިބަޔާންކުރާ ވާހަކަ ދަލީލު ނުކުރޭތޯ އެމަނިކުފާނު ސުވާލު ކުރައްވާފައި ވެއެވެ.
"މިވާހަކަ މިދަންނަވަނީ މުޅި އުމުރު ހަމަ މި އިސްލާޙީ މަސައްކަތުގައި ކުރެވުނު ތަޖުރިބާގެ އަލީގައެވެ. އެމް.ޑީ.ޕީ. ނޫންބަޔަކަށް ކެންޑިޑޭޓްކަން ދޭން އެމް.ޑީ.ޕީ. އެއްވެސް ދުލެއް ނުދޭކަމަށް ވަނީނަމަ އަދި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނުވަތަ އެކަހަލަ 2 ޕެއަރ ދެޕާޓީއެއްގެ ނަމުގައި އިންތިޚާބަށް ކުރިމަތިލައި ފަހުން ހުރިހާކަމެއް ކްލިއަރ ވީމާ އެތަނުން ޕެއަރއަކަށް އެއްބަސްވާގޮތަށް މިއަދު އެއްބަސް ނުވެވޭނަމަ އިތުރަށް ދައްކަން އޮތީ ކޮންވާހަކައެއްތޯއެވެ؟ މިވަގުތުވެސް މިކޯލިޝަން ހަރަކާތުގެ ތެރެއިން ނުޙައްޤުން އަނިޔާލިބި ޖަލުގައި އެންމެ ގިނައީ އަޅުގަނޑުމެންގެ ޕާޓީގެ މީހުން ދެއްތޯއެވެ. އަޅުގަނޑާއި ޖޭޕީ، ރިސްކު ނެގިވަރުވެސް ވަކި ކުޑައެއް ނޫން ދެއްތޯއެވެ. ގުޅިފައިވާ ޕާޓީތަކަށް ދޫދޭވަރުވެސް ވަކި ކުޑައެއްނޫން ދެއްތޯއެވެ. މިއަދު ޖޭޕީގެ ލީޑަރޝިޕުން ބަންދުވެ ޖަލުގައި ތިބި މީހުންގެ ތެރޭގައި ޑެޕިއުޓީ ލީޑަރާއި، މަޖިލިސް މެންބަރުން އަދި ސިޔާސީ ކަމެއްގައި ދުވަހަކުވެސް ބައިވެރިނުވާ ސިޔާދު ޤާސިމްވެސް ހިމެނެއެވެ. އޭޕީގެ ރައީސް ޖަލުގައެވެ. ރައީސް މައުމޫންއާއި ދަރިކަލުން އަދި ދަނބިދަރިފުޅުވެސް ޖަލުގައެވެ. ކާނަލް ނާޒިމް ޖަލުގައެވެ. މިއަދު ރާއްޖޭގައި އިންސާފާއި ޙައްޤުބަސްވެސް ވީ ޖަލުގައެވެ. ކަން މިހެން އޮތްހިނދު، އެމް.ޑީ.ޕީގެ ލީޑަރޝިޕް ނުވަތަ އެމް.ޑީ.ޕީއަށް ތާއީދުކުރާ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ބޭފުޅުންވެސްތިބީ ގޭބަންދުގައި ނުވަތަ ރާއްޖެއިން ބޭރުގައެވެ. އެއް މައްސަލައެއްގައި އެއް ސީނަކުން ނަގާފައިވާ ޖޭޕީގެ މެންބަރުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލި ޖަލަށްލެވި، އެމް.ޑީ.ޕީގެ މެންބަރުން ހަމަ އެމައްސަލައިގައި މިނިވަންވެފައިވެސް އެބަހުއްޓެވެ. މިވާހަކަ ދަންނަވަނީ އެއްވެސް ބޭފުޅަކަށް ލުޔެއް ލިބެން ނޭދޭތީކީ ނޫނެވެ. އަދި އަޅުގަނޑުމެން ބައިބައި ކޮށްލަން ޖަހާނެ މަޅިތައް ނޭނގިހުރެ އެއްވެސް ނޫނެވެ. އަދުގެ ހާލަތު ވީމަ ހަނދާން އާކޮށްލީއެވެ. އަދި މިއީ އެއްވެސް ހާލެއްގައި އެއް ކެންޑިޑޭޓަކަށް ވަކި ބޭފުޅަކު އަންނަން ނުވަތަ ނާންނަންވެސް ޙިއްސާކުރާ ވާހަކައެއް ނޫނެވެ. މިއީ ހިތާމަވެރިކަމާއެކު އަދި އިޚުލާޞްތެރިކަމާއެކު ނުހަނު މާފާއިއެކު ހިއްޞާކުރާ އަދުގެ ހަޤީޤަތެވެ" ގާސިމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫން ޖަލަށްލެވުނީ ކުށެއް ކޮށްގެނެއް ނޫން ކަމަށާއި ރައީސް ނަޝީދުގެ ކެންޑިޑެސީ ދުއްވާލީ އިންސާފެއް ނެތި ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.
"ޤާސިމް އިބްރާހިމްއަށް ބޭއިންސާފުން އަނިޔާވެރި ހުކުމެއް އިއްވީ ކޯޓު ރޫމެއްގެ ތެރޭގައިވެސް ނޫން ދެއްތޯއެވެ. ހަސްފަތާލުގައި އޮއްވައި ދެއްތޯއެވެ. 65 އަހަރުގެ މީހުންނަށް ރައީސްކަމަށް ކުރިމަތިނުލެވޭކަމަށް އޮތް ހުރަސް އެއީ ދުނިޔެ އެކަމާ ޖޯކު ޖަހާނެ ޤާނޫނުއަސާސީއާ ސީދާ ޚިލާފު ޖަރީމާއެއް ނޫންތޯއެވެ. ޝެއިޚު އިމްރާންއަށް ޓެރަރިޒަމްގެ ހުކުމްއިއްވީ ފާޅުކުރެއްވި ޚިޔާލުފުޅަކަށް ނޫންތޯއެވެ. މިލިސްޓުގައި ވަކިނަމެއް ބަޔާންކޮށްފަ ނުކުރާނެ ނަމެއް ރާއްޖޭގެ ސިޔާސީ އުދަރެހުގަ ނެތެވެ. އޭގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެ ގެންދަނީ އަޅުގަނޑުމެން ކޮން މަޅިއަކަށްތޯއެވެ؟ ވިސްނާލައްވާށެވެ. އަޅުގަނޑުމެންގެ އެއްވެސް ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާސްކޮޅުގައި ރައްޔިތުން ވޯޓުލާން ނޯންނާނެ ސިނާރިއޯއަކަށް އަޅުގަނޑުމެން ވަގުތުގެ ޖަޒުބާތުގައި ނުވަތަ މަޤާމެއްގެ އިޝްޤުގައި ގެނބިގެންދިޔަ ނުދެމާތޯއެވެ" ގާސިމް ވިދާޅުވެފައި ވެއެވެ.
ކޯލިޝަނުގެ މަޝްވަރާތައް ލަސްކުރާކަށްވެސް އަދި އެއްވެސް ހުރަހެއް އަޅާކަށްވެސް ޖުމްހޫރީ ޕާޓީ ބޭނުން ނުވާ ކަމަށާއި ނަމަވެސް މިއަދުވެސް އެމް.ޑީ.ޕީއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވަނީ މިއަދުގެ ޙާލަތުގައި ޝަރުތު ހަމަވާ ކެންޑިޑޭޓެއް ނޫންކަން ގާސިމް ހިތާމައާއެކު ފާހަގަ ކުރައްވާފައި ވެއެވެ.
"މިއަދު ގުޅިފައިވާ ޕާޓީތަކުން އެކުގައި ތިބި ތިބުމުގައި އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރާ ކަންކަން ވަކި ޕާޓީއަކުން ނުވަތަ ވަކިބޭފުޅަކު ހާމަކުރާކަމީ ރައްޔިތުންގެ ކުރިމަތީގައި މުޅި ކޯލިޝަން އޭގެ ނަމުގައި އެޅޭފަދަ ކަންކަމެވެ. މިސާލަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކަ، ދެސަރުކާރެއް އެކުލަވާ ލުމުގެ ވާހަކަ، ބޭރު ބައެއްގެ އެހީގައި ވެރިކަން ބަދަލުކުރަން އުޅުމުގެ ޚިޔާލާތަކީ ޖުމްހޫރީ ޕާޓީ ދުވަހަކުވެސް އެއްބަސްވާނެ އަދި ޚިޔާލުކޮށް މަޝްވަރާ ކުރާނެ ކަންތައްތަކެއްވެސް ނޫނެވެ. މީގެއިތުރުން މިހާރުވެސް ކޮންމެ ދުވަހަކު އިރު ދުނިޔެއަށް ތޮޅެލަނީ ބައެއް ޕާޓީތަކުގެ އެންމެ އިސްބޭފުޅުންގެ އަރިސް ކުދިން، ތަފާތު އެކި ދޮގު ތުހުމަތުތައް ގުޅިފައިވާ ޕާޓީތަކުގެ އެހެން ބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވަމުން ނޫންތޯއެވެ. އެވެސް ސިޔާސީ، އެހެން ނޫންތޯއެވެ. ތިމާއާ ޚިޔާލު އެއްގޮތްވާ ކޮންމެ ފަހަރަކު ޣާޒީއަކަށް، ޤައުމީ ބަޠޮލަކަށް ވެފައި، އެންމެ ކަމެއްގައި ޚިޔާލު ތަފާތުވިޔަސް އަދި އެއީ ކިތަންމެ ރަނގަޅު ޚިޔާލަކަށް ވިޔަސް، ޣާޒީ ބާޣީއަކަށް، ބަޠޮލު ޣައްދާރަކަށް ރައްޔިތުން ކުރިމަތީގައި އެ ފްރޭމްކޮށްލަނީ ކޮން ޕާޓީއެއްގެ ކޮން ބޭފުޅެއްގެ އަރިހުންކަން އަޅުގަނޑުމެން އެންމެނާއި ރައްޔިތުންނަށް މިއަދު ފެންނާނެއެވެ" މިބަޔާނުގައި ގާސިމް ވިދާޅުވެފައި ވެއެވެ.
"އަޅުގަނޑާއި އަދި ޖުމްހޫރީ ޕާޓީވެސް މިތިބީ ރައްޔިތުންނާއި ޤައުމު، އަނިޔާވެރިކަމުން ސަލާމަތް ކުރުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާން ތައްޔާރަށެވެ. އަދި މި ކޯލިޝަނާއި އިޞްލާޙީ ހަރަކާތްތެރިންގެ މަސައްކަތުގެ އުންމީދާއި އެއްގޮތަށް މި އަނިޔާވެރިކަމުން ސަލާމަތްވާން ޖޭޕީއިން ދޭންޖެހުނު ދުލެއްދީ، ޖޭޕީއަށް ތިޔަ ބޭފުޅުންނަށް އެއްބަސްވެވި ދެވޭ މަޤާމަކަށް މިދެންނެވި އެއްވެސް މައްސަލައެއް ނެތް ސާފު ނަމެއް ހުށަހަޅާ ރައްޔިތުންނާއި ޤައުމު އިސްކޮށް އަދުގެ ހާލަތަށް ކެތްތެރިކަމާ ޙިކުމަތްތެރިކަމާއެކު ގޮތެއް ނިންމަން ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަންވެސް ތިޔަ ހުރިހައި ބޭފުޅުންނަށް އަރުވަމެވެ" ގާސިމް އިބްރާހިމް ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ