ސުޕްރީމް ކޯޓަށް ހާޒިރުވުމަށް މޫސާ ސިރާޖަށްވެސް އަންގައިފި

ޤާނޫނީ ވަކީލު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު މޫސާ ސިރާޖު ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުންދާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ހާޒިރުވުމަށް ސްޕްރީމް ކޯޓުން އަންގައިފި އެވެ.
މޫސާ ސިރާޖު ޑީޖޭއޭއަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރުފަހު 3:00 ޖަހާއިރު އެވެ.
ޑީޖޭއަށް ހާޒިރުވުމަށް ސިރާޖަށް ޗިޓް ފޮނުވާފައިވާއިރު އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވެ ޓްވީޓު ކުރައްވާފަ އެވެ.
އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ތިބީ ކޮރަޕްޓް ފަނޑިޔާރުން ކަމަށާއި އެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށްވެސް ވިދާޅު ވެފައިވެ އެވެ.
ޑީޖޭއޭއަށް ހާޒިރުވުމަށް އަންގާ ފޮނުވާފައިވާ ޗިޓާއެކު ކުރައްވާފައިވާ ޓްވީޓެއްގައި ސިރާޖު ވިދާޅުވީ ސްޕްރީމް ކޯޓަށް ދުވާލަކު ދެފަހަރު ހާޒިރުކުރިއަސް ފަނޑިޔާރުގެ އިސްލާހުކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް ބުނާ ބުނުން ބަދަލު ނުކުރައްވާނެ ކަމަށެވެ. އަދި އިންސާފުވެރި ފަނޑިޔާރުގެއެއް ބިނާކުރުމަށް ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ސިރާޖު ޑީޖޭއޭއަށް ހާޒިރުވުމަށް ސްޕްރީމް ކޯޓުން އަންގާފައިވާއިރު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވެސް އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އަށް ހާޒިރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ