ތިމަރަފުށިން ކަރަންޓު ކެނޑޭ މައްސަލަ އަދިވެސް ހައްލެއް ނުވޭ: ކައުންސިލް

ތ ތިމަރަފުށިން ކަރަންޓު ކެނޑޭ މައްސަލަ 24 ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް މުޅިން ހައްލު ނުވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ވީނިއުސްއިން ދެންނެވި ސުވާލަކަށް ތިމަރަފުށީ ކައުންސިލަރު އަލީ މޫސާފުޅު ވިދާޅުވީ ރަށުން ކަރަންޓު ކެނޑުނީ އިއްޔެ ހަވީރު ކަމަށެވެ. ރަށުން ކަރަންޓް ކެނޑުނީ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ބައެއް ހަލާކުވެގެން ކަމަށް ވިދާޅުވި އެވެ.
އަދި މިހާރު ކަރަންޓުގެ ޚިދުމަތް ދެނީ 170، 150، 85 ކިލޯ ވޯޓުގެ 3 ޖަނަރޭޓަރު ބޭނުން ކޮށްގެން ކަމަށާއި، އެކަމަކު 3ތިން ޖަނަރޭޓަރު ބޭނުން ކޮށްގެން ވެސް މުޅި ރަށަށް ކަރަންޓު ނުދެވޭ ކަމަށް އަލީ ވިދާޅުވި އެވެ. އަލީ ވިދާޅުވީ މިއަދު ވެސް އިރުއިރު ކޮޅާ ކަރަންޓު ކެނޑޭ ކަމަށާއި، ރައްޔިތުންގެ ގިނަ މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ.
ރަމަޟާން މަހު ޚާއްސަ ކޮށް ކަރަންޓު ބޭނުން ކުރާވަރު އިތުރުކަން ފާހަގަކޮށް އަލީ ވިދާޅުވީ 600 ކިލޯވޯޓުގެ ޖަނަރޭޓަރު މިރޭގެ ވަގުތެއްގައި ރަނގަޅުކޮށް އާންމު އުސޫލުން ކަރަންޓު ދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ގާތްގަނޑަކަށް 2500 މީހުންގެ އާބާދީއެއް އޮންނަ ތިމަރަފުށީގައި 280 ގޭބިސީ ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ