ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ބައިވެރި ނުވާ ސިޔާސީ މުވައްޒަފުންގެ މައްސަލަ ބައްލަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު އޮންލައިންކޮށް ކުރިއަށް ގެންދާ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ބައްދަލުވުމުގައި ޒުވާނުންގެ ގޮފީހުގެ މެމްބަރު އަދި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސީނިއާ އެގްޒެކިއުޓިވް އަލީ ހާޝިމް (ސްމިތް) ވަނީ ކޮވިޑް-19 އާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތުގައި ބައެއް ސިޔާސީ މީހުން ބައިވެރި ނުވާތީ އެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ސަރުކާރަކީ އެކި ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޤާމުތަކުގައި ތިބި ސަރުކާރަކަށް ވާއިރު، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ މެމްބަރުން ކޮވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތަށް އެއްބާރުުލުން ނުލިބެންވީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި މަޖިލީހުން އެކަން ނުބައްލަވަނީ ކީއްވެތޯވެސް އޭނާ ސުވާލުކުރެއްވިއެވެ. ކޮވިޑް-19 އާއި ގުޅޭ މަސައްކަތްތަކަށް ވޮލެންޓިއަރުން ހޯދަން ޖެހުނީ އެ މީހުންގެ އެއްބާރުލުން ނުލިބުމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ހިނގާ މަސައްކަތްތައް އެހާ ބޮޑަށް ސާފު ނުވާކަމަށެވެ.
އެހެންނަމަވެސް ސިޔާސީ މަޤާމުތަކުަގއި ތިބެ ކޮވިޑް-19 އާއި ގުޅޭ މަސައްކަތަކަށް އެއްބާރުލުން ނުދޭ މީހުންގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މަޖިލީހުގެ ކޮމިޓީއެއް މެދުވެރިކޮށް ވެސް މި މައްސަލަ ބެލިދާނެ. އެ ނޫން ގޮތަކަށް ވެސް ބެލިދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން މާލެ ފުރަބަންދުކޮށް، އާންމުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތުމުން އެފަރާތްތަކުން ބޭނުންވާ ތަކެތި މާލޭގެ އެކި ސަރަޙައްދުތަކަށް ޑެލިވަރީކޮށްދޭނެ ވޮލެންޓިއަރުން ހޯދުމަށް ޔޫތު މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އަދި އެހެން ބައެއް މަސައްކަތްތަކަށް ވެސް ވޮލެންޓިއަރުން ވަނީ ހޯދާފައެވެ.
ކޮވިޑް-19 މަސައްކަތުގައި ބައިވެރި ނުވާ ސިޔާސީ މުވައްޒަފުންގެ މައްސަލަ ބަލާނަން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ