އޭއާރް ރަހްމާނަށް ބޮލީވުޑުން މަސައްކަތް ނުލިބޭ ހަގީގީ ސަބަބު

އޭ.އާރް ރަހްމާނަކީ އިންޑިޔާގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ އެއް މިއުޒިކް ޑައިރެކްޓަރެވެ. އިންޑިޔާ އެއްވެސް މިއުޒީޝަނަކަށް މިހާތަނަށް ލިބިފައި ނުވާ ޝަރަފެއް މިއުޒިކްގެ ރޮނގުން އޭނާއަށް ލިބިފައިވުމީ އޭނާގެ ހުނަރުވެރިކަން ސާބިތުވާ ކަމެކެވެ. އެއީ އޮސްކާ އެވޯޑެވެ. "ސްލަމްޑޯގް މިލިނިއާ" އިން ރަހްމާނަށް ދެ އޮސްކާ އެވޯޑު ލިބިފައި ވެއެވެ.
ނަމަވެސް ރަހްމާން ދާދިފަހުން ދިން ރޭޑިއޯ އިންޓަވިއު އެއްގައި އޭނާއަށް ފިލްމު އިންޑަސްޓްރީގެ މީހުން މަސައްކަތް ނުދޭ ކަމަށާއި އޭނާއާ ދެކޮޅަށް ގްރޫޕްހަދައިގެން އުޅޭ ބަޔަކު އުޅޭ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. މިވާހަކަތައް މިހާރު ވަރަށް ހޫނުވެފައި ވަނިކޮށް ބޮލީވުޑްގެ މަޝްހޫރު އެހެން މިއުޒިކް ޑައިރެކްޓަރަކު ވަނީ ރަހްމާނަށް ހަގީގަތުގައި ބޮލީވުޑް ފިލްމުތަކުގެ މިއުޒިކް ތައްޔާރުކުރަން ނުލިބޭ ސަބަބު ހާމަކޮށްދީފަ އެވެ.
އިންޑިޔާގެ ނޫހަކަށް މި މިއުޒިކް ޑައިރެކްޓަރު އިންޓަވިއު ދީފައިވަނީ ނަން ނުޖަހާ ގޮތަށެވެ. އޭނާ ބުނި ގޮތުގައި ރަހްމާނަށް މަސައްކަތް ނުލިބެނީ އޭނާ ގެންގުޅެނީ އުސޫލުތަކުގެ ސަބަބުންނެވެ. ކޮންމެހެން އޮސްކާ އެވޯޑު ލިބިގެން ނުވަތަ އެނޫންވެސް އެހެން ކަމެއް ވެގެނެއް ނޫނެވެ. އަދި އޭނާގެ ކުޅަދާނަކަން މީހުން ބަލައި ނުގަންނާތީ އެއްވެސް ނޫނެވެ.
މިއުޒިކް ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ރަހްމާން ތައްޔާރުކުރާ މިއުޒިކްގެ ޕަބްލިޝިން ރައިޓްސް އޭނާއަށް ދޭން ޝަރުތު ކުރާތީ އެވެ. ޕަބްލިޝިން ރައިޓްސް އަކީ ލަވައިގެ ކޮޕީރައިޓްސް އެވެ.
"ބޮލީވުޑްގައި ފިލްމު އުފައްދާ ކޮންމެ ޑައިރެކްޓަރަކު ވެސް ރަހްމާން ލައްވާ މިއުޒިކް ތައްޔާރުކުރުވަން ބޭނުންވީ އިރެއް ދިޔަ. އަދި މިހާރުވެސް އެމީހުން ބޭނުންވޭ އެމީހުން އުފައްދާ ފިލްމުތަކަށް ރަހްމާން ލައްވާ މިއުޒިކް ތައްޔާރު ކުރުވަން. ނަމަވެސް ރަހްމާން ބޭނުމެއް ނުވޭ އޭނާގެ ސައުންޑްޓްރެކްތަކުގެ ޕަބްލިޝިން ރައިޓްސް ދޭކަށް. މި ރައިޓްސް އެއްވެސް ޕްރޮޑިއުސަރަކު އޭނާގެ މިއުޒީޝަނުންނަކަށް ނުދޭނެ. ހަމަ ގައިމުވެސް އިންޑިޔާއަކު ނުދޭނެ،" މައުލޫމާތު ދިން މިއުޒިކް ޑައިރެކްޓަރު ބުންޏެވެ.
ވަރަށް ބޮޑެތި ފިލްމުތަކަށް މިއުޒިކް ތައްޔާރު ކޮށްދީފައިވާ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ބުނި ގޮތުގައި "ބޮލީވުޑް ގޭންގް" އޭ ކިޔައިގެން ރަހްމާން ދެއްކީ ރަނގަޅު ވާހަކައެއް ނޫނެވެ. ރަހްމާނަށް ފިލްމުތައް ނުދެނީ އޭނާ ގެންގުޅޭ އުސޫލުތަކާ ހެދި އެވެ.
"ޝާހްރުކް ޚާނާއި ކަރަން ޖޯހަރް ގުޅިގެން 2003 ގައި އުފެއްދި 'ކަލް ހޯ ނަ ހޯ' ގެ މިއުޒިކް ތައްޔާރު ކޮށްދޭން އެ ދުވަސްވަރު ރަހްމާނަށް ފުރުސަތު ދިން. ނަމަވެސް ޕަބްލިޝިން ރައިޓްސް ދޭން ޖެހޭނޭ ރަހްމާން ބުނުމުން އެކަމާ ކަރަން ހިތްހަމަ ނުޖެހިގެން އެ ފިލްމުގެ މިއުޒިކް އުފައްދަން ޝަންކަރް-އެހްސާން-ލޯއީ އަށް ދިނީ. އަދި އޭގެ ފަހުން ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން ރަހްމާނާއެކު އެއްވެސް މަސައްކަތެއް ނުކުރޭ،" މިއުޒިކް ޑައިރެކްޓަރު ކިޔައިދީފައި ވެއެވެ.
މިއުޒީޝަން ބުނި ގޮތުގައި ރަހްމާން ބޭނުންވާ ގޮތް ވެސް އެހީ މުޅިއަކުން ގޯސް ގޮތެއް ކަމަކަށް އޭނާ ވެސް ގަބޫލެއް ނުކުރެ އެވެ. ސިނަމާ އަކީ ވެސް އެހެން ވިޔަފާރިތައް ކަހަލަ ވިޔަފާރިއެކެވެ. އެހެންވީމާ ކަރަން ޖޯހަރް އޭނާގެ ވިޔަފާރީގެ ހައްގުގައި މަސައްކަތް ކުރާނެކަން ގަބޫލުކުރަން ޖެހޭނެ އެވެ.
"އަހަރެން ނުބުނަން ޕަބްލިޝިން ރައިޓްސް ހޯދަން ރަހްމާން ކުރާ ޑިމާންޑަކީ ގޯސްކޮށް ކުރާ ކަމެކޭ. ނަމަވެސް ހިންދީ ފިލްމު އިންޑަސްޓްރީގައި ލަތާ މަންގޭޝްކަރް، ކިޝޯރު ކުމާރު، މުހައްމަދު ރަފީ އަދި އާޝާ ބޯސްލޭ ފަދަ ފަންނާނުންނަށް ވެސް ޕަބްލިޝިން ރައިޓްސް ލިބިފައި ނެތް. އެމީހުންނަކީ މިއުޒިކްގެ ރޮނގުން އެފަދަ ދެވަނަ އެއް ނެތް ފަދަ ލެޖެންޑުން. އެހެންވީމާ އެއްވެސް މީހަކަށް ނުލިބޭ އެއްޗެއް ރަހްމާން ހޯދަން އުޅުނީމަ އޭނާއަށް ލަނޑު ލިބެނީ،" މައުލޫމާތު ދިން މިއުޒީޝަން ބުންޏެވެ.
އޭ.އާރް. ރަހްމާނަކީ ވަރަށް ބަސް މަދު މީހަކަށް ވާތީ ރޭޑިއޯ އިންޓަވިއު ގައި އެ ވާހަކަ ދެއްކުމަށް ފަހު އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ