ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރުގެ މަގާމަށް ނަޝީދު އައްޔަންކުރައްވައިފި

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާއަރަކަށްވުން ގާތް 48 ގައުމު ހިމެނޭ ގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ އެމްބެސެޑަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އައްޔަން ކުރައްވައިފިއެވެ.
މި މަގާމަށް ނަޝީދު އައްޔަން ކުރެއްވިކަން އެންގެވީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ނަޝީދަށް އަރުވާފައިވާ "ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން" ގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭ ސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެއް ކަމަށެވެ.
އަދި ނަޝީދު މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް މަޖިލީހުގެ އިދާރާ އިން ބުނެއެވެ.
ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމެކެވެ. މި ފޯރަމްގެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ރާއްޖޭގައެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތައް ތަންފީޒުކޮށް މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ